ދީން

ﷲ ތަޢާލާ ތިމަންނަގެ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ހިތު އަޅައިގެން ޤަސްތުގައި ފާފާ ނުކުރާށެވެ. (ދިހަވަނަބައި)

ﷲ ތަޢާލާގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަން ގުނާ ޢަދަދު ނުކުރެވޭނެއެވެ. ގަސްތުގައިވިޔަސް ގަސްތުގައި ނޫނަސް، ސިއްރުގައިވިޔަސް އަދި ފައުޅުގައި ވިޔަސް ކުރެވިފައިވާ ފާފަތަކުން އިންސާނަކު އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ އެ އިލާހު ތަޢާލާ އެ މީހާއަށް ކުރެވުނު ފާފަތައް އެއީ، އޭނާއަށްވާ ހެޔޮކަމެއްކަމަށް ބަދަލުކޮށްދެއްވައެވެ. މިކަން ވަރަށް ޞަރީޙަކޮށް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވާފައިވެއެވެ.

ފުރުޤާން ސޫރަތުގެ 70 ވަނަ އާޔަތާއި މާނަ ކިޔާލުމުން ފާފަތަކުން ތައުބާވެ ޞާލިޙު ޢަމަލުތައްކޮށް، ދިރިއުޅުން އިޞްލާޙުކުރަން ބޭނުންވާ އެތައް ބަޔަކަށް ހިތްވަރާއި ޢަޒުމް ލިބިގެންދާނެއެވެ.

إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَٰئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ‎﴿٧٠﴾

މާނައީ ” توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. “

އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ވަޤުތު ފާއިތު ނުވަނީސް ކުރެވޭ ފާފަތަކުން އިޚްލާޞްތެރި ތައުބާއަކުން ތައުބާވަމާ ހިނގާށެވެ. އޭރުން ﷲ ތަޢާލާގެ ހެޔޮ ރަޙުމަތް ތިބާ ވަށާލައިގެންވާނެއެވެ. އިންޝާ ﷲ.

މިހާ ހިސާބުން މި ލިޔުން ކުރުކޮށްލާނަމެވެ. މި މައުޟޫޢުގައި އިތުރަށްވެސް ދެއްކޭނެ އެތައް ވާހަކަތަކެއް ހުންނާނެއެވެ. މިލިޔުން ކުރު ކޮށްލުމުގެ ކުރިން ލިޔުމުގެ ފެށުމުގައި (ފުރަތަމަބައި) ގައި ބުނެވުނު ފަދައިން، ﷲ ތަޢާލާއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހުކަން ބަޔާންވެގެންވާ އާޔަތްތައް ގެނެސްދޭނަމެވެ.

ﷲ ތަޢާލާއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހުކަން ބަޔާންވެގެން އައިސްފައިވާ ޤުރްއާނުގެ ބައެއް އާޔަތްތައް:-

ﷲ ތަޢާލާ އެއީ ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހުކަން ބަޔާންވެގެންވާ އާޔަތްތަކުން ބައެއް އާޔަތްތައް ތިރީގައި ހިމަނާލާނަމެވެ. ކީރިތި ޤުރްއާނުގެ 90 އަށްވުރެ ގިނަ އާޔަތުގައި އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހުކަން ބަޔާންވެގެން އައިސްފައިވެއެވެ. މި ލިޔުމުގައި އެހުރިހާ އާޔަތެއް ގެނެސް ނުދެވުނަސް ބައެއް އާޔަތްތައް ތިރީގައި އެވަނީއެވެ.

ހަމައެކަނި ބަޤަރާ ސޫރަތަށް ބަލާލިޔަސް އެ ސޫރަތުގެވެސް 9 ކަށްވުރެ ގިނަ އާޔަތުގައި ﷲ ތަޢާލާ އެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހުކަން ބަޔާންކުރައްވާފައިވެއެވެ. ސޫރަތުލް ބަޤަރާގެ 173، 182، 192، 199، 218، 225، 226، 235 އަދި 268 ވަނަ އާޔަތުގައިވެސް ﷲ ތަޢާލާ އެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހުކަން ބަޔާންކުރައްވާފައިވެއެވެ.

إِنَّ اللَّهَ غَفُورٌ رَّحِيمٌ ‎﴿١٧٣﴾‏

މާނައީ ” ހަމަކަށަވަރުން اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. “

إِنَّ اللَّهَ غَفُورٌ رَّحِيمٌ ‎﴿١٨٢﴾

މާނައީ ” ހަމަކަށަވަރުން اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. “

އާލް ޢިމްރާން ސޫރަތުގެ 31، 155، އަދި 157 ވަނަ އާޔަތުގައިވެސް އެފަދައިން ވަޙީކުރައްވާފައިވެއެވެ.

وَاللَّهُ غَفُورٌ رَّحِيمٌ ‎﴿٣١﴾

މާނައީ ” اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. “

ނިސާއު ސޫރަތުގެ 23، 25، 43، 96، 99، 100، 106، 110، 129 އަދި 152 ވަނަ އާޔަތުގައިވެސް އެފަދައިން ވަޙީކުރައްވާފައިވެއެވެ.

إِنَّ اللَّهَ كَانَ غَفُورًا رَّحِيمًا ‎﴿٢٣﴾‏

މާނައީ ” ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ. “

މާއިދާ ސޫރަތުގެ 3، 34، 74 އަދި 101 ވަނަ އާޔަތުގައިވެސް ﷲ ތަޢާލާ އެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަން ބަޔާންކުރައްވާފައިވެއެވެ.

فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ‎﴿٣﴾

މާނައީ ” ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. “

މީގެ އިތުރުންވެސް އަންޢާމް ސޫރަތުގެ 145 އަދި 165 ވަނަ އާޔަތާއި އަޢުރާފު ސޫރަތުގެ 153، 155 އަދި 167 ވަނަ އާޔަތުގަ އާއި އަންފާލު ސޫރަތުގެ 69 އަދި 70 ވަނަ އާޔަތާއި ތައުބާ ސޫރަތުގެ 50، 99 އަދި 102 ވަނަ އާޔަތާއި ޔޫނުސް ސޫރަތުގެ 107 ވަނަ އާޔަތާއި ހޫދު ސޫރަތުގެ 41 އަދި 90 ވަނަ އާޔަތާއި ޔޫސުފް ސޫރަތުގެ 53 އަދި 98 ވަނަ އާޔަތާއި އިބްރާހީމް ސޫރަތުގެ 36 ވަނަ އާޔަތާއި ނަހްލު ސޫރަތުގެ 18، 110 އަދި 115 ވަނަ އާޔަތާއި އިސްރާ ސޫރަތުގެ 25 އަދި 44 ވަނަ އާޔަތާއި ކަހަފް ސޫރަތުގެ 58 ވަނަ އާޔަތާއި ޠާހާ ސޫރަތުގެ 82 ވަނަ އާޔަތާއި ޙައްޖު ސޫރަތުގެ 60 ވަނަ އާޔަތާއި ނޫރު ސޫރަތުގެ 5، 22، 33 އަދި 62 ވަނަ އާޔަތާއި ފުރުޤާން ސޫރަތުގެ 6 އަދި 70 ވަނަ އާޔަތާއި ނަމްލު ސޫރަތުގެ 11 ވަނަ އާޔަތާއި އަހްޒާބު ސޫރަތުގެ 5، 24، 50، 59 އަދި 73 ވަނަ އާޔަތާއި ސަބާ ސޫރަތުގެ 2 އަދި 15 ވަނަ އާޔަތާއި ފާޠިރު ސޫރަތުގެ 28، 30، 34 އަދި 41 ވަނަ އާޔަތާއި ޞާދު ސޫރަތުގެ 66 ވަނަ އާޔަތާއި ޒުމަރު ސޫރަތުގެ 53 އަދި 42 ވަނަ އާޔަތާއި ފުއްޞިލަތު ސޫރަތުގެ 32 ވަނަ އާޔަތާއި ޝޫރާ ސޫރަތުގެ 5، 23 އަދި 30 ވަނަ އާޔަތާއި އަޙްޤާފު ސޫރަތުގެ8 އަދި 31 ވަނަ އާޔަތާއި މުޙައްމަދު ސޫރަތުގެ 32 ވަނަ އާޔަތާއި ފަތުޙު ސޫރަތުގެ 14 ވަނަ އާޔަތާއި ޙުޖުރާތު ސޫރަތުގެ 5 އަދި 14 ވަނަ އާޔަތާއި ޙަދީދް ސޫރަތުގެ 28 ވަނަ އާޔަތާއި މުޖާދިލާ ސޫރަތުގެ 2 އަދި 12 ވަނަ އާޔަތާއި މުމްތަޙިނާ ސޫރަތުގެ 7 އަދި 12 ވަނަ އާޔަތާއި ތަޣާބުންގެ 14 ވަނަ އާޔަތާއި ތަޙްރީމް ސޫރަތުގެ 1 ވަނަ އާޔަތާއި މުލްކު ސޫރަތުގެ 2 ވަނަ އާޔަތާއި ނޫޙު ސޫރަތުގެ 10 ވަނަ އާޔަތުގެ އިތުރުން މުއްޒައްމިލް ސޫރަތުގެ 20 ވަނަ އާޔަތާއި މުއްދައްޘިރުގެ 56 ވަނަ އާޔަތުގެ އިތުރުން ސޫރަތުލް ބުރޫޖުގެ 14 ވަނަ އާޔަތުގައިވެސް އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަންވަނީ އެކަލާނގެ އަޅުތަކުންނަށް ބަޔާންކޮށްދެއްވާފައެވެ.

މީގެ އިތުރުންވެސް އެތައް ޙަދީޘެއްގައި އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަން ވަނީ ބަޔާންކުރައްވާފައެވެ.

އާއެކެވެ. އެއްވެސް އަޅަކު އެއިލާހުގެ ރަޙުމަތުން މާޔޫސްވުމެއް ނެތެވެ. މާޔޫސް ވާންވެސް ނުޖެހެއެވެ. ތައުބާވުމުގެ އަސްލު ލައްވާފައި އެވަނީވެސް އިންސާނުންނަކީ ކުއްކުރެވޭނެ ބަޔަކަށްވާތީވެއެވެ. ﷲ އަށް ގިނަގިނައިން ތައުބާވެ ޞާލިޙު ޢަމަލުތައް ކުރާބަޔަކަށްވަމާ ހިނގާށެވެ. ހެޔޮޢަމަލު ކުރުމަށް އަނެކުންނަށްވެސް އެހީތެރިވެ، ހިތްވަރުދީ ތިމާގެ ނަފްސު ކަށިޔާރުވެގެން ދިޔަނުދެމާ ހިނގާށެވެ. ފާފަކުރާ މީހުން ފަޟީޙަތްނުކޮށް އެބައިމީހުން ސަލާމަތުގެ އައްސޭރިޔަށް ގެނެވޭތޯ މަސައްކަތްކުރާ މީހަކަށް ތިބާވާށެވެ. އެއީ ތިބާއަށް ކޮޅުނެއްކޮޅަށް ދަރުމަ ލިބޭނެކަމެކެވެ.

އަދިވެސް ބުނަމެވެ. މި މައުޟޫޢުގައި ދެއްކޭނެ އަދި ގެނެސްގަނެވިދާނެ އެތައް އާޔަތްތަކާއި ޙަދީޘްތަކެއް ވެއެވެ. އަދި އެތައް ޢިލްމުވެރިންގެ ބަސްތަކެއްވެސް ވާނެއެވެ. އެހެންނަމަވެސް މިހާ ހިސާބުން މި ލިޔުން ކުރުކޮށްލުމަށްފަހު، ވަކިވެލަނީ އަޅުގަނޑުމެން އެންމެންގެ ހުރިހާ ފާފައެއްވެސް ރަޙީމްވަންތަ އިލާހު ފުއްސަވައިދެއްވުމަށް އެދި ދުޢާކުރާ ޙާލުގައެވެ. އަދި އެކަލާނގެ ފާފަފުއްސެވުމަށް އިރާދަކުރައްވާ އަޅުންގެ ތެރެއިން އަޅަމެން ލެއްވުމަށް އެދި ދުޢާކުރާ ޙާލުގައެވެ. އާމީން

(ނިމުނީ)

(ނޯޓް: ތިރީގައި އެވަނީ މި މައުޟޫޢު އަށް ލިޔެފައިވާ އާރޓިކަލުގެ ހުރިހާ ބައެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތެވެ.)

މިވެސް ބަލާ
Close