ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 1559 މީހުން
ރާއްޖެއިން މިއަދުވެސް 1559 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި ހޮނިހިރު ދުވަހުގެ އިރޮއޮއްސި ހަޔަކުން މިއަދުގެ އިރޮއޮއްސި ހަޔަކަށް 1،559 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހއްދުން ޕޮޒިޓިވްވި 1،135 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 401 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 20 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 3 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 55،924 އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއް ދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 23،464އަށް އަރާފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 290 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 510 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 32،233 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5،834 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 129 މީހުންވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 114 ދިވެހިންނާއި 15 ބިދޭސީންނެވެ.
