ފަންޑު ކުރި މީހުން ހޯދުމަށް އެ މައްސަލައިގެ ތަހުގީގުގައި ވަރަށް ބޮޑު އިސްކަމެއް ދޭނަން – ފުލުހުން
މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމުގައި އަޑީގައި ތިބެގެން ފަންޑު ކުރި މީހުން ހޯދުމަށް އެ މައްސަލައިގެ ތަހުގީގުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ފަންޑު ކުރި މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަމާއެކު ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ފުލުހުންގެ ތަހުގީގު ނިމޭއިރު ފަންޑު ކުރި މީހުން ހޯދޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރޭގެ ވަގުތެއްގައި ހަމަ އެ މައްސަލައިގައި ބ. ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީ ގެ ހުންނަ ނީލޯފަރު މަގާއި މަޖީދީ މަގާ ގުޅޭ ކަންމަތީގައި ބޮމެއް ހަރުކޮށްފައި ހުރި ސައިކަލެއް ބޭނުންކޮށްގެނެވެ. ހަމަލާގެ ބާރުގަދަ ކުރުމަށް ބޮން ތެރެއަށް އޮތީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށްތަކެއް އަޅައިފަ އެވެ.
ރިމޯޓު ބޭނުންކޮށްގެން ބޮން ގޮއްވާލާފައި ވަނީ ރައީސް ނަޝީދު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ. އެއިރު އެމަނިކުފާނު ހިންގަވާފައި ވަޑައިގެންނެވީ ކަންމަތީ ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަތުމަށެވެ.
އެމަނިކުފާނުގެ ހަށިކޮޅުން 10 ރޭޒަރު ފުއް ޑޮކްޓަރުން ނެގި އެވެ. ހަށިކޮޅަށް ލިބިވަޑައިގެންފައި ހުރި ޒަހަމްތަކުގެ ބޮޑުކަމުން ފުރާނަފުޅު ސަލާމަތް ކުރުމަށް ޑޮކްޓަރުން ހެދި ސާޖަރީތައް 16 ގަޑިއިރަށް ދެމިގެންދިޔަ އެވެ.a


