މަސްޖިދުއްނަބަވީގެ ކުރީގެ އިމާމު ޖަލުގައި އަވަހާރަވެއްޖެ
މަސްޖިދުއް ނަބަވީގެ އިސް އިމާމެއްގެ ގޮތުގައި ހިދުމަތް ކުރެއްވި ސައުދީގެ
ޝެއިހް އަހްމަދު އަލް އަމާރީ، ޖަލުގައި އަވަހާރަވެއްޖެއެވެ.
އެކްޓިވިސްޓުން ބުނާ ގޮތުގައި ޝެއިހް އަހްމަދު އަލް އަމާރީ އަވަހާރަވީ ޖަލުތަކުގެ ހާލަތު ހުރި ގޮތުންނެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާގެ ޤުރުއާން ކޮލެޖްގެ ޑީން ކަންވެސް
ކުރައްވާފައިވާ ޝެއިހް އަހްމަދު އަލް އަމާރީ އަވަހާރަވީ،
ހައްޔަރުކުރެވުނުތާ 5 މަސްދުވަސް ފަހުން ކަމަށް، ހައްޔަރުކުރެވޭ
އިލްމުވެރިންގެ ދިފާއުގައި މަސައްކަތްކުރާ ޖަމިއްޔާ ޕްރިޒަނާސް އޮފް
ކޮންސައިންސްއިން ބުނެއެވެ.
މި ގުރޫޕުން ބުނީ، ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން، 69 އަހަރުގެ
އިމާމަށް ގަސްތުގައި އިހުމާލުވެފައި ވާކަމަށާއި، ނަތީޖާއެއްގެ ގޮތުން
މިއަދު އެ އިމާމު އަވަހާރަވީ ކަމަށެވެ. އަދި ފާއިތުވީ 5 މަހެއްހާ ދުވަސް
ޝެއިހް އަހްމަދު އަލް އަމާރީ ބަންދުގައި ބަހައްޓަވާފައިވަނީ އެކަހެރި
ޖަލެއްގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޝެއިހް އަހްމަދު އަލް އަމާރީ ހައްޔަރު ކުރެވުނީ
ގޭގައި ހުންނަވަނިކޮށް، ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން ހިންގި
ރެއިޑެއްގައެވެ. މި ރެއިޑްގައި ޝެއިހް އަހްމަދު އަލް އަމާރީގެ އެކުވެރިއެއް
ކަމަށްވާ އިސްލާމީ އިލްމުވެރިޔާ ސަފަރު އަލް ހަވާލީވެސް ވަނީ
ހައްޔަރުކުރެވިފައެވެ. އަލް ހަވާލީއަކީ، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު
މުހައްމަދު ބިން ސަލްމާންއާއި ޝާހީ އާއިލާއާއި ބެހޭ 3000 ސަފުހާގެ ފޮތެއް
އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އާންމު ކުރި މުސައްނިފެއްވެސްމެއެވެ.
ޝެއިހް އަހްމަދު އަލް އަމާރީ އަވަހާރަވީ އެކަށީގެންވާ ސިއްހީ ފަރުވާ
ނުދެވިގެން ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ވަކާލާތު
ކުރަމުންނެވެ. ބްރެއިން ހެމަރޭޖްގެ ތަކުލީފުތަކާއިއެކު ޝެއިހް އަހްމަދު
އަލް އަމާރީ ވަނީ މިމަހުގެ 2 ވަނަ ދުވަހު، ޛަހްބާން ޖަލުން ކިންގް އަބްދުﷲ
މެޑިކަލް ކޮމްޕްލެކްސްއަށް ބަދަލުކުރެވިފައެވެ.
ޝެއިހް އަހްމަދު އަލް އަމާރީ އަވަހާރަވުމާއި ގުޅިގެން ސައުދީގެ ކަމާއި ބެހޭ
ފަރާތްތަކުން އަދި ރަސްމީ ބަޔާނެއް އާންމު ކޮށްފައެއް ނުވެއެވެ.

ޝެއިހް އަހްމަދު އަލް އަމާރީ އަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން