އަނެކުންގެ އަޅުކަމަށް އުދަގޫވާނޭހެން ދަމުނަމާދުގައި ނުކިޔެވުން
އަނެކުންގެ އަޅުކަމަށް އުދަގޫވާނޭހެން ދަމުނަމާދުގައި ނުކިޔެވުން، މީގެ މައްޗަށް ބަލައި: ލައުޑް ސްޕީކަރު އެފަދަ ވަޤުތުގައި ލާޒިމު ނުކުރުން
1. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:
”މީސްތަކުން ސުންނަތް ނަމާދު ކުރާ އިރު، ޤުރުއާން ކިޔަވާ މީހާ ދަންނައެ، އެމީހުންނަށް އެކަމުން އުނދަނގޫ ވާނޭހެން އަޑުހަރުކޮށް އަޑު ގަދަކުރުން އޭނާގެ މައްޗަށް ނުވެއެވެ. ފަހެ އަޞްޙާބު ބޭކަލުން ރޭގަނޑުގެ ފަހުދަންފަޅީގައި (ވަކިވަކީން) ނަމާދު ކުރައްވަނިކޮށް ނަބިއްޔު ﷺ ވަޑައިގަންނަވައި، ޙަދީޘް ކުރެއްވިއެވެ:
«يا أيها الناس كلكم يناجي ربه، فلا يجهر بعضكم على بعض في القراءة»
”އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހެއްވެސް އެމީހެއްގެ ރައްބަށް މުނާޖާ ދަންނަވަމުއެވެ. (އެބަހީ: އެކަހެރިކޮށް ދެކެވޭ ސިއްރެވެ.). އެހެންކަމުން (ޤުރުއާން) ކިޔެވުމުގައި، ތިޔަބައިމީހުންގެ ތެރެއިން އެއްބައެއްގެ މައްޗަށް އަނެއްބައެއްގެ އަޑު، ގަދަ ނުކުރާށެވެ.“ ⁽¹⁾
مجموع الفتاوي 23/ 61.
އަދި މިނޫން ދަނޑިވަޅެއްގައި، މިކަމާއި ގުޅޭ ސުވާލެއް އިބްނު ތައިމިއްޔާ رحمه الله އާއި ކުރެވުނެވެ. އެއީ މިސްކިތެއްގައި ދުވާލާއި ރޭގަނޑު ޤުރުއާން ކިޔެވި އުނގަންނައި ދެވެމުން ދާއިރު، އެމިސްކިތުގެ ދޮރުމަތީ ތިބެ ވާހަކަ ދައްކާ ބައެއްގެ ސަބަބުން ކިޔެވުމަށް އުދަގޫވާތީ، މިކަން ހުއްދަވެގެންވޭތޯ ނުވަތަ ނޫންތޯ އާއި މެދުގައެވެ.
އެހެންކަމުން އެކަލޭގެފާނު رحمه الله ޖަވާބު ދެއްވިއެވެ:
الحمد لله، އެއްވެސް މީހަކަށް މިސްކިތުގެ އަހުލުންނަށް އުދަގޫ ކުރުން ނުވެއެވެ. ނުވަތަ ނަމާދު ކުރާ މީހުންނަށް ނޫނީ ޤުރުއާން ކިޔަވާ ނޫނީ ޛިކުރު ކުރާ ނޫނީ ދުޢާ ކުރާ މީހުންނަށް ނުވަތަ މިބާވަތުގެ އެކަމަކަށްޓަކައި މިސްކިތް ހެދިފައިވާ ކަންތައް ތަކުގެ ތެރެއިން ކަމެއްގައިވާ މީހުންނަށް، ތުރާ ޖެއްސުން ނުވެއެވެ. ވީމާ މިސްކިތުގެ ތެރޭގައި ވިޔަސް އަދި އޭގެ ދޮރު މަތީގައި ނޫނީ ގާތުގައި ވިޔަސް މިބައިމީހުންނަށް ދުއްތުރާ ވާނޭ ކަމެއް ކުރުން އެއްވެސް މީހެއްގެ މައްޗަށް ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ ނަބިއްޔު ﷺ ގެ އަޞްޙާބުން ނަމާދު ކުރައްވައި (އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް) ކިޔެވެލީގައި އަޑުގަދަ ކުރައްވަނިކޮށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: «يا أيها الناس كلكم يناجي ربه، فلا يجهر بعضكم على بعض في القراءة» (އިހު ބަޔާން ވި ޙަދީޘް އޭގެ ނިޔަލަށް.)
ވީމާ، ނަމާދު ކުރާމީހަކަށް އެނޫން ނަމާދު ކުރާ މީހެއްގެ މައްޗަށް އަޑުހަރު ކުރުން ނަހީ ކުރައްވާފައިވާހިނދު، ފަހެ އެނޫން ބަޔަކަށް ކޮންފަދައަކުން ހެއްޔެވެ؟ މިސްކިތުގެ އަހުލުންނަށް ދުއްތުރާވާ ކަމެއް ނުވަތަ އެފަދަ ކަމަކަށް މަގުފަހިވާ ކަމެއް ކުރާ ބަޔެއް، އެކަމުން މަނަޢު ކުރުވާށެވެ. والله أعلم. أ. هـ
مجموع الفتاوي 22/ 205
2. އައްނަވަވީ رحمه الله، رحمة واسعه وغفر له ، ޤުރުއާން އަޑު ހަރުކޮށް ކިޔެވުމަށް އަދި އަޑު މަޑުކޮށް ކިޔެވުމަށް ބަހުޘް ކުރައްވަމުން، އަޑު ހަރުކޮށް ކިޔެވޭނޭ ކަމުގެ ހުއްދަ އެކުލޭވޭ ދަލީލުތައް ފުރަތަމަ ގެންނެވުމަށްފަހު ވިދާޅުވިއެވެ:
”…ދެންފަހެ އަޞްޙާބުންނާއި ތާބިޢީންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުގެ މައްޗަށްވާ އާޘާރުތައް (މިކަމުގައި) އެކުލެވޭނޭ ވަރަށްވުރެންވެސް ގިނަގުނައެވެ. އަދި ޛިކުރުކުރަންޖެހޭ ވަރަށްވުރެންވެސް މަޝްހޫރެވެ. މިއީ އެބައަކަށް ރިޔާއު (ދެއްކުންތެރިކަމުގެ) ބިރުވެރިކަން ނުވާ ބޭކަލުންނާއި މެދުގައެވެ. އަދި ޢުޖުބު ވެރިވުންވެސް މެއެވެ. (އެބަހީ: އަމިއްލަ ނަފުސަށް އާޝޯޚުވުމެވެ.) އަދި އެޒާތުގެ އެއްވެސް ހުތުރެއްވެސް މެއެވެ. އަދި ނަމާދާއިގެން ތިބި ޖަމާޢަތަކަށް (އަމިއްލަ ކިޔެވެލީގެ ސަބަބުން) އުނދަގޫ ޖައްސައި އޭގެ ސަބަބުން އެބައިމީހުންގެ ކިޔެވުމަށް އޮޅުން އަރުވާ ބައެއްވެސް ނޫނެވެ.“ [ދެން އެއަށްފަހު ޤުރުއާން ބާރަށް ނުކިޔެވުމާއިމެދު އައިސްފައިވާ ބައެއް އާޘާރު ގެންނެވިއެވެ.]
التبيان في آداب حملة القرآن ص60.
3. އިބްނުލް ޖަޥްޒީ رحمه الله ވިދާޅުވިއެވެ:
”އަދި ޤުރުއާން ކިޔަވާ ބައެއް މީސްގަނޑުންގެ މައްޗަށް އިބިލީސް ވާވައްދާފައި ވެއެވެ. ފަހެ މިސްކިތުގެ މިންބަރު މަތީ ރޭގަނޑު އެވެރިން އެއްވެ އެއްއަޑަކުން އަޑުހަރުކޮށް، ފޮތެއް ނޫނީ ދެފޮތެއް ކިޔަވައެވެ. ވީމާ އެވެރިންގެ މިޢަމަލުން، މީސްތަކުންގެ ނިންޖަށް ދުއްތުރާ ކުރުމާއި ދެއްކުންތެރިކަމަށް ހުށަހެޅުން އެއްކުޅަތެވެ.“
تلبيس إبليس ص175
— މަޞްދަރު: މުލްތަޤާ އަހުލުލް ޙަދީޘް ގެ އަރުޝީފް ، އިތުރަށް ބަލާލުމަށް: އިސްލާމް-ސުވާލްޖަވާބް 38521
~ ގަލަންދާނު
_______________
⁽¹⁾ ރިވާކުރެއްވީ، އަލްބައްޔާޟީ ގެ އަރިހުން އަޙްމަދު އާއި މާލިކް އެވެ. އައްޝައިޚް އަލްމުޙައްދިޘް، މުޞްޠަފާ އަލް-ޢަދަވީ ވިދާޅުވިއެވެ. މިޙަދީޘް “ޙަސަން” އެވެ.