ލީކްވާ ޕޭޕަރުތަކުގައި ކުދިން ބައިވެރިކުރާކަށް ބޭނުމެއްނޫން – ބެލެނިވެރިން
އޭލެވެލް ބައެއް ޓެސްޓް ޕޭޕަރުތައް ލީކުވެފައިވާތީ ދަރިވަރުން ޓެސްޓްގައި ބައިވެރި ކުރުމަށް ބޭނުންނުވާ ކަމަށް ބުނެ ވެލާނާގެ ކައިރީގައި ބެލެނިވެރިން ތަކެއް އިޙްތިޖާޖް ކޮށްފިއެވެ.
އިޙްތިޖާޖްގައި މާގިނަ ބަޔަކު ބައިވެރި ނުވިނަމަވެސް އެއްވި މީހުން ތިބީ ޕޯސްޓަރުތަކެއް ވެސް ހިފައިގެންނެވެ. އެޕޯސްޓަރުތަކުގައި ލިޔެފައިވާ ލިޔުންތަކުން ދޭހަކޮށްދެނީ ބެލެނިވެރިން ތިބީ ހިތްހަމަނުޖެހިފައިކަމެވެ. އަދި އެފަދަ އިމްތިޙާނަކީ އެއްވެސް ބޭނުމެއް ހުރި އިމްތިހާނެއް ނޫންކަމެވެ.
ބެލެވެރިން އިޙްތިޖާޖް ކުރާއިރު މި އަހަރުގެ އޭ ލެވެލްގެ ކެމިސްޓްރީ ޕޭޕަރުވެސް ޓެސްޓް ފެށުމުގެ ހައެއްކަ ގަޑިއިރު ކުރިންވަނީ ލީކް ވެފައެވެ.
މިއަދު މެންދުރު ފަހު 13:30 ގައި ރާއްޖޭގެ އިމްތިހާން މަރުކަޒުތަކުގައި ދިނުމަށް ހަމަޖެހިފައިވާ ކެމިސްޓްރީ ޕޭޕަރު ލީކްވެފައި ވަނީ މިއަދު ހެނދުނު 06:00 ކަންހާއިރުއެވެ. މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ޗެޓް ގްރޫޕްތަކުގައި ވެސް މިހާރު ޕޭޕަރު ދައުރުވަމުން އެބަދެއެވެ.
އޭ ލެވެލްގެ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ވެސް މިދިޔަ ހަފްތާގައި ވަނީ ލީކްވެފައެވެ. އެޕޭޕަރުތައް ލީކްވީ ޓެސްޓް ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވިދާޅުވެފައި ވަނީ ޕޭޕަރުތައް ލީކްވަމުން ދަނީ ރާއްޖެ އިން ނޫން ކަމަށެވެ.
ނަމަވެސް ކެމިސްޓްރީ ޕޭޕަރު ލީކްވުމާއި ގުޅޭ ގޮތުން އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ރާއްޖެޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމުގައި ރޭ ވިދާޅުވީ ފިޒިކްސް އަދި ބަޔޮލޮޖީ ޕޭޕަރު ލީކުވި މައްސަލައިގައި އެޑެކްސެލްއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދިނުން ކަމަށެވެ.
އިހްސާން ރޭ ވިދާޅުވީ މިއަދުން ފެށިގެން ދެން ޕޭޕަރުތައް ލީކް ނުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެޑެކްސަލް އިން ދެއްވާފައިވާ ކަމަށެވެ.
