ނާރެސް ރޯދަސުފުރާ – މަސްކާށި މަސްރޮށި
ނާރެސް ރޯދަ ސުފުރާގައި މިއަދު މިގެނެސްދެނީ މުޅިން އާބާވަތެކެވެ. މަސްކާށި މަސްރޮށްޓަކީ ރޯދަމަހަށް ޚާއްޞަ އެއްޗެކެވެ. ރޯދަވީއްލާ ގަޑީގައި ކައިލަން އަދި ވަކިން ރަނގަޅުވާނެއެވެ. މިއީ އެންމެ ރަނގަޅު އެންމެ ހިނގާ އެއް ހެދިކާއަށް ވާނެކަން ޔަޤީނެވެ. އަޖުމަ ބައްލަވާލައްވާށެވެ.
ބޭނުންވާތެކެތި:
2 ގަބުޅި ( އުކުރާފަ )
1 ޖޯޑު މުގުރިމަސް ( ރާޅުކޮށް މުގުރާފަ )
1 ފިޔާ ބޮޑު
2 ލޮނުމެދު
4 ކޯޅި ހިނކަދިފަތް
5 ހިކިމިރުސް ( ފޮޅިކޮށްފައި )
1 ގިތެޔޮމިރުސް
ރަހަލާވަރަށް ލޮނު
½ ސައިސަމުސާ އަޖުނަމޮޓޯ
1 ސައސަމުސާ އަސޭމިރުސް
1 ސައިސަމުސާ ދިރި
1 ލުނބޯ
ތައްޔާރުކުރާނެގޮތް:
އަސޭމިރުސް، ދިރި، ލޮނުމެދު، ހިކިމިރުސް، ގިތެޔޮމިރުސް ، ފިޔާ އަދި ލޮނުމެދު ކުދިކޮށް ކޮށާލުމަށްފަހު މިކްސަރަށް އަޅާ ކުޑަކޮށް ހިމުންކޮށްލާށެވެ. ދެން އޭގެތެރެއަށް އުކުރާފައި ހުރި ގަބުޅިކޮޅު މިކްސަރ ތެރެއަށް އަޅާ ކުޑަކޮށް ހިމުންކޮށްލާށެވެ. މާބޮޑަށް ހިމުން ނުކޮށް ރާޅުކޮށް ބަހައްޓާށެވެ. ދެން ތައްޓަކަށް އަޅާލާށެވެ. އޭގެ ފަހުގައި އޭގެ ތެރެއަށް މުގުރި މަސްކޮޅު އަޅާ ލުބޯހުތް ޖަހައި އަދި އަޖުނަމޮޓޯ ކޮޅުވެސް އަޅާ ރަހަލާވަރަށް ލޮނުކޮޅެއް އެޅުމަށްފަހު އެއްކޮށްލާށެވެ. މިހާރު އެހެރީ މަސްގަނޑު ތައްޔާރުކޮށް ނިމިފައެވެ. ދެން ޖެހޭނީ އާދައިގެ މަސްރޮށި ހަދާގޮތަށް ފުށްގަނޑު މޮޑުމަށްފަހު ރޮށިދަމާ އޭގެ ތެރެއަށް މަސްއަޅާ ފިހެލާށެވެ. އޭރުން އެހެރީ މަސްކާރި މަސްރޮށި ތައްޔާރުކޮށް ނިމިފައެވެ. ވަރަށް މީރުވާނެއެވެ.