ވޯޓުލުން ކުރިޔަށް ދާ ގޮތް މަޖްލިސްގެ ރައީސް ބައްލަވާލައްވައިފި
ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވޯޓުލާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާ ވޯޓުލުން ކުރިޔަށް ދާ ގޮތް ބައްލަވާލައްވައިފިކަމަށް އޮންލައިން ނޫސް ދުވަސްއިން ރިޕޯޓް ކޮށްފިއެވެ.
ރައީސް ނަޝީދު ވޯޓުލާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވަމުންދާއިރު، ގިނަ އާންމު ރައްޔިތުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމެވެ.
ނަމަވެސް، ނަޝީދުގެ ދިފާޢުގައި ނުސީދާ ގޮތަކަށް އީސީގެ ރައީސް އަހުމަދު ޝަރީފު ވަނީ ޓީވީ ޕްރޮގުރާމެއްގައި ވާހަކަފުޅުދައްކަވާފައެވެ. އޭނާ ވިދާޅުވީ، ވޯޓުލުން ކުރިއަށްދާ ގޮތް ރަނގަޅަށް ބަލަންޖެހޭ ކަމަށާއި އެކަން ކުރައްވާ ބޭފުޅުން ރަނގަޅަށް އެކަން ކުރެއްވުމަށެވެ. އަދި މައްސަލައެއް ފާހަގަކުރެވޭ ނަމަ ޝަކުވާ ހުށައެޅުމަށް ޥަރީފް އިލްތިމާސް ކުރިއެވެ.
މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އެއީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު ސިޓީ ކައުންސިލަށް 18 މެންބަރުން އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާނެ އެވެ.
މިފަހަރުގެ އިންތިހާބުގައި ނުވަ ޕާޓީއަކުން ކެންޑިޑޭޓުން ނެރެއެވެ. އަދި އަމިއްލަ ގޮތުން ގިނަ ކެންޑިޑޭޓުން ވާދަ ކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ދެ އިންތިހާބަށް 1476 ކެންޑިޑޭޓުން ނެރެފައިވެއެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 826 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 650 ކެންޑިޑޭޓުންނެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. ދެ އިންތިހާބަށް އެ ޕާޓީން ނެރެފައިވަނީ 1146 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 647 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 499 ކެންޑިޑޭޓުންނެވެ.
