ޚަބަރު

ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ޔެލޯއެލަރޓް ނެރެފި

ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް އައްޑޫ ސިޓީއިން ފެށިގެން ފުވައްމުލަށް ސިޓީއަށް ޔެލޯއެލަރޓް ނެރެފިއެވެ.

މުސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހެނދުނުގެ 08:00 އިން 10:00 އަށް ޔެލޯ އެލާޓްގައި ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ، އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

“ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ. ކަނޑުތައް ދެކުނާއި މެދުރާއްޖެތެރޭގައި ގަދަވާނެ، އުތުރުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.” މެޓް އޮފީހުން ވިދާޅުވިއެވެ.

ރާޅުގެ އުސްމިން އުޅޭނީ ދެކުނާއި މެދުރާއްޖެތެރޭގައި 5 – 8 ފޫޓު، އުތުރުގައި 2 – 5 ފޫޓުގައި ކަމަށާއި ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް. ކަމަށްވެސް މެޓްއޮފީހުން ވިދާޅުވިއެވެ.

“ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ދަންނަވަން” މެޓް އޮފީހުން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close