މުޅިންއަލަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ކުރަނީ
ސަރުކަރުގެ މައި ހޮސްޕިޓަލް އިންދިރާ ގާދީ މެމޯރިއަލް ހޮސްޕިޓަލް އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން އެ ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ކުރަން ތައްޔާރުވެއްޖެ އެވެ.
ނާރެސް އަށް މަޢުލޫމާތު ލިބޭގޮތުގައި މިއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެ ތާރީހްގައި ކަކުލު ހުޅު (ޓޯޓަލް ނީ ރިޕްލޭސްމަންޓް) އޮޕަރޭޝަން ކުރާ ފުރަތަމަ ފަހަރެވެ. މި އޮޕަރޭޝަންތައް ކުރުމަށް އައިޖީއެމްގެ ކަށީގެ ޑިޕާޓްމަންޓްގެ ދެ ޑޮކްޓަރުން ހަރަކާތްތެރިވާނެ އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރުންވެސް މި އޮޕަރޭޝަންތަކުގެ ބައިވެރިވާނެކަމަށް ނާރެސްއަށް މަޢުލޫމާތު ލިބެއެވެ.
ކަކުލު ހުޅު ބަދަލުކުރާ ހަތަރު މީހުންވެސް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް މަޢޫލޫމާތު ލިބެއެވެ. އަދި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންގެ އިތުރުން ދެން މީހުންނަށް ދޭން ޖެހޭ ހުރިހާ ފަރުވާއެއް ދެމުންދާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނެވެ.
މި އޮޕަރޭޝަންތަކުގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ ކަށީގެ ހާއްސަ، ޑރ މުޒުނީ އެވެ. މި އޮޕަރޭޝަންތައް 25 އަދި 26 މި ދެ ދުވަހު ކުރިއަށްދާއިރު ހަތަރު މީހެއް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރާނެކަމަށް މަޢުލޫމާތުލިބެއެވެ. ދެ ދުވަހަށް ބަހާލައިގެން ދުވާލަކު ދެ މީހުން އޮޕަރޭޝަން ކުރަން ހަމަޖައްސާފައިވާއިރު މާދަމާ އޮޕަރޭޝަން ފަށާނެ އެވެ.
ފިޒިޔޮތެރަޕީގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. މި ހަތަރު މީހުންނަކީވެސް މި ސަރަހައްދުގެ ރަށްތަކަށް ނިސްބަތްވާ މީހުންނެވެ. ނާރެސްއަށް މަޢޫލޫމާތު ލިބޭގޮތުގައި މި މީހުންނަކީ އައިޖީއެމްއެޗްގައި ކަކުލު ހުޅުގެ އޮޕަރޭޝަން ކުރުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ.

