އެމްޓީސީސީގެ ވަޒީފާތަކަށް ދިވެހިން ހޯދަނީ ، އެންމެކުޑަ އުޖޫރައަކީވެސް ދިހަހާސްރުފިޔާ
އެމްޓީސީސީގެ އެކިއެކި ޕްރޮޖެކްޓް ސައިޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ޖުމުލަ 254 ވަޒީފާއަކަށް ދިވެހިން ހޯދަން އެކުންފުނިން އިޢުލާންކޮށްފިއެވެ.
އެމްޓީސީސީން ބުނީ، މިވަޒީފާތަކަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޓްރޭނިންގް ފުރުސަތުތައް ފަހިކޮށްދެވޭނެކަމަށެވެ.
އަދި މިވަޒީފާތަކުގެ އެންމެ ކުޑަމުސާރައަކީވެސް 10،000 ރުފިޔާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ވަޒީފާތަކަށް ދިވެހިން ހޯދަން އިއުލާނުކޮށްފައިވާއިރު އެކުންފުނިންބުނީ އެވަޒީފާތަކުގެ ވޯކް-އިން އިންޓަރވިއުސް މާދަމާ އިންފެށިގެން 11 މާރޗްގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.
އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަސްތަކުގެ މެންދުރު 14:00 އިން 17:00 އަށެވެ.
އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ، އާދަމް އާޒިމް ވިދާޅުވީ، އެ ކުންފުނީގެ ވަޒީފާތަކަށް އެކަށިގެންވާ ދިވެހިން ނުލިބޭ ކަމަށެވެ. އަދި ދިވެހިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ތަމްރީންތައް ދެމުންގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
“އެގޮތުން މިހާރު އަޅުގަނޑުމެން މި ހުޅުވާނީ 254 ވަޒީފާ، ދިވެހިން ހޯދުމަށް، މިއީ ވަރަށް ގިނަ ޓެކްނިކަލް ވަޒީފާތަކެއް”. އާޒިމް ވިދާޅުވިއެވެ.
މި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ، ހެވީ ވެހިކަލް އޮޕަރޭޓަރުން، ވެލްޑަރުން، ކާރޕެންޓަރުން، މޭސަނުން، މެކޭނިކުން އަދި އިންޖިނޭރުންނެވެ.
އެމްޓީސީސީއަކީ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ކުންފުންޏެކެވެ. އެގޮތުން މިވަގުތުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 50 މަޝްރޫއުު އެބަ ހިނގަމުންދެއެވެ. އަދި 21 މަޝްރޫއެއް ކުރިއަށްއޮތް ދުވަސްތަކުގާ ފެށިގެންދާނެއެވެ. މީގެތެރެއިން 11 މަޝްރޫޢެއްގެ މަސައްކަތް މާރޗްމަހު އެކަނިވެސް ފެށޭނެއެވެ.
އެމްޓީސީސީން ބުނީ، ކުންފުނީގެ ޕްރޮޖެކްޓް ސައިޓްތަކުގެ ވަޒީފާތަކަކީ ދިވެހިންނަށް އިސްކަންދީގެން ހުޅުވާލާ ފުރުސަތުތަކެއް ކަމަށާއި، ކުންފުނީގެ އަމާޒަކީ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުއައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުން ކަމަށެވެ.
އާޒިމް ވިދާޅުވިގޮތުގައި، މި ވަޒީފާތަކަށް ޝައުގުވެރިވާ ރަށްރަށުގައި ދިރިއުޅޭ ދިވެހިންނަށްވެސް އެ ފުރުސަތު ދޭނެއެވެ. އެގޮތުން އެ ފަރާތްތަކުން އެމްޓީސީސީ ސައިޓް ނޫނީ މީސް މީޑިއާގެ ޕްލެޓްފޯމް މެދުވެރިކޮށް ސީވީ އާއި އެހެނިހެން ލިޔުންތައް ފޮނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީގައި މިހާރު ވަޒީފާ އަދާކުރާ 2183 މުއައްޒަފުންގެ ތެރޭގައި ގިނައީ ދިވެހި މުއައްޒަފުންނެވެ.


