ފޯމުގައި އޮތް ސެވިއްޔާ ބަލިކޮށް ބާސާ ދެވަނައަށް
ސްޕެނިޝް ލަލީގުގައި ރޭކުޅެވުނު މެޗުގައި މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ސެވިއްޔާ ބަލިކޮށް ބާސަލޯނާއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާ ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ތާވަލުގެ ދެވަނައަށް ބާސާ ޖެހިލީ ކުޅުނު 25 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 23 މެޗާއެކު 55 ޕޮއިންޓް ހޯދައިގެންނެވެ. އަދި ވާދަވެރި ރިއަލްމެޑްރިޑް ތާވަލުގެ 3 ވަނާގައި އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ބާސާގެ ޒުވާން ކުޅުންތެރިންގެ ފަރާތުން އުއްމީދީ ހުނަރުވެރި މޮޅުކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. ލިއޮނަލް މެސީގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޮސްމަން ޑެމްބެލޭ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސެވިއްޔާއިން ވަރަށް ބޮޑަށް ބާސާގެ ގޯލަށް ބާރުބޮޑުކުރިތަން ފެނިގެން ދިޔަނަމަވެސް ނަމަވެސް ބާސާގެ ފަހަތް ފެނުނީ ވަރަށް ވަރުގަދަކޮށް ވަރަށް އޮގަނައިޒުކޮށެވެ.
ބާސާ ގެދެވަނަލަނޑު ލިއޮނަލްމެސީ ކާމިޔާބުކޮށްފައި ވަނީ މެޗުނިމެން ހަތަރުމިނެޓަށް ވެފައިވަނިކޮށެވެ. މިއީ މެސީގެ އިންޑިވިޖުވަލް ހުނަރު ބޭނުންކޮށްގެން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
މި ބައްޔާއެކު ސެވިއްޔާއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ.
