މިހާސްލައިފްސްޓައިލް

އިރުއޮއްސޭ ވަގުތު ކުޑަކުދިން ބޭރަށް ނުނެރެންވީ ކީއްވެ؟

އަޅުގަނޑުމެން އެންމެހައި ދިވެހީންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ތިބި މުސްލިމު ބަޔަކަށްވާއިރު އަޅުގަނޑުމެން އަބަދުވެސް ބަލަންވާނީ މާތްﷲ ސުބުޙާނަޙޫ ވަތަޢާލާގެ ޙުކުމްފުޅުތަކާއި އަދި އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަކާއި އެކަލޭގެފާނުގެ ޢަމަލުފުޅުތަކާއި އެއްގޮތަށް އަމަލުކުރެވޭ ބަޔަކަށް ވެވޭތޯއެވެ. މިގޮތުން އިރު އޮއްސޭ ވަޤުތު ނުވަތަ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި މިކިޔާ މަޣްރިބު ނަމާދާއި އިޝާނަމާދު ވަގުތާއި ދެމެދު ކުޑަކުދީން ބޭރަށް ނެރުމަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަޙީ ކުރައްވާފައިވާ ކަމެކެވެ. މިކަމުގެ ދަލީލަކީ ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެންވާ އަންނަނިވި ހަދީޘެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ فَكُفُّوا صِبْيَانَكُمْ ، فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ ، فَإِذَا ذَهَبَ سَاعَةٌ مِنْ اللَّيْلِ فَخَلُّوهُمْ ، وَأَغْلِقُوا الْأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا ، وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ ، وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا، وَأَطْفِئُوا مَصَابِيحَكُمْ ) رواه البخاري (3280) ومسلم (2012) މާނައީ: “ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ވަގުތު ނުވަތަ އިރު އޮއްސޭ ވަގުތު ތިޔަބައިމީހުންގެ ކުދީން (ގެއިން ނުކުތަނުދީ) ހިފަހައްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުންތައް އެވަގުތު (ބިންމަތީ) ފެތުރިގަނެއެވެ. ފަހެ ރޭގަނޑުން ބައެއް ދިޔުމުން (ޢިޝާނަމާދު ވަޤުތުވުމުން) އެކުދިން ދޫކޮށްލާށެވެ. އަދި ބިސްމިﷲ ކިޔުމަށްފަހުގައި ދޮރުތައް ލައްޕާށެވެ. ފަހެ (އެގޮތަށް) ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ. އަދި ބިސްމިﷲ ކިޔުމަށް ފަހު ފެން ކަންވާރުތަކުގެ މަތިތައް ބާރުކުރާށެވެ. (މަތިތައް ޖަހާށެވެ.) އަދި ﷲގެ އިސްމުފުޅު ކިޔައި ތިޔަބައިމީހުންގެ ކަންވާރުތަކުގައި މަތިޖަހައި ނިވާކުރާށެވެ. އެއީ އޭގެ މަތީގައި (ކުޑަނަމަވެސް) އެއްޗެއް ބާއްވާލައިގެން ނަމަވެސްމެއެވެ. އަދި ތިޔބައިމީހުން ބައްތިތައް ނިވާލާށެވެ.” އަދިވެސް ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( لَا تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ، فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ) . وروى مسلم (2013) މާނައީ: ” އިރު އޮއްސިއްޖެނަމަ، ތިޔަބައިމީހުންގެ ނަޢަމުސޫފިތަކާއި ދަރީން ރޭގަނޑުގެ އަނދިރިކަމުގެ ކުރީކޮޅު ފާއިތުވެއްޖެއުމަށް ދާންދެން ދޫނުކުރާށެވެ. ފަހެ ހަމަކަށަވަރުން އިރު އޮއްސިއްޖެނަމަ، ރޭގަނޑުގެ އަނދިރި ކަމުގެ ކުރީކޮޅު ފާއިތުވެއްޖައުމަށް ދަންދެން ޝައިޠާނުން ބިންމަތީގައި ފެތުރިގަނެއެވެ.” މި ހަދީޘުން އެނގޭގޮތުގައި ކުޑަކުދިން ދެނަމާދު ދޭތެރެވަގުތު ބޭރަށް ނުނެރުމަށް އަންގަވާފައި މިވަނީ ސައިޠާނުންގެ ކިބައިން އަޅުގަނޑުމެންގެ ތުއްތު ކުދިން ރައްކާތެރި ކުރެއްވުމަށެވެ. އެހެނީ ދުނިޔެ މައްޗަށް އަދިރިކަން ފެތުރިގަންނަ ވަގުތަކީ ސައިޠާނުންތައް ބިންމަތީގައި ފެތުރި ގަންނަ ވަގުތުކަން ހަދީޘުން އެނގޭތީއެވެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިރު އޮއްސޭ ވަގުތު ބޭރަށް ނުނެރެންވީ ތަންދޮރު ނޭނގޭވަރުގެ ކުޑަކުދިންނެވެ. އެއީ ގާތްގަޑަކަށް އުމުރުން 7 އަހަރު ނުފުރޭ ވަރުގެ ކުޑަކުދިންނެވެ. މިހެންކަމާއި އެކު އަޅުގަނޑުމެން އެންމެންނަކީވެސް އަޅުގަނޑުމެންގެ ކުޑަކުދިން ޝައިޠާނުންގެ ކިބައިން ރައްކާތެރި ކުރުމަށްޓަކައި އިރުއޮއްސޭ ވަގުތު އެކުދިން ގެއިން ބޭރަށް ނުނުރޭ ބަޔަކަށް ވަމާތޯއެވެ. މަސްދަރު: ޝެއިޙް ޝާފިޢު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close