ޚަބަރު

އަލީ ވަހީދު ފުރައިގެން ދިޔައީ އަމުރު ބާތިލް ކުރުމުގެ ކުރިން: ޕީޖީ ޝަމީމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރުމުގެ ކުރިން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވިނަމަވެސް ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާކޮށް އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފާ ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ ސިއްހީ ހަލަތު ބަޔާންކޮށް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުންނެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރުމާއެކު އަލީ ވަހީދު ވަނީ މި މަހުގެ ނުވަވަނަ ދުވަހުގެ އިނގިރޭސިވިލާތުގެ ލަންޑަނަށް ފުރާވަޑައިގެންފައެވެ.

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމާ ގުޅޭގޮތުން އަޑުއެހުމެއް ބާއްވާ އަމުރު ނެރުނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި އަމުރު ޕީޖީ އޮފީހަށް ލިބިފައިވަނީ 11 ވަަނަ ދުވަހު ކަަމަށެވެ.

އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާއި އަލީ ވަހީދު ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ. ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް 4 މަސް ދުވަހަށް ދޫކޮށްފައި ވާއިރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ.

އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close