ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ ރާއްޖެ – ރައީސް
ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އިޤްތިޞާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވީ، އިޤްތިޞާދު ހީނަރުވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތަކާ މެދު، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ކަންބޮޑުވެ ހާސްވާނެ މިންވަރު ވަޒަންކުރެވޭކަމަށެވެ.
އެހެންކަމުން އިޤްތިސާދު ހީނަރުވިޔަ ނުދިނުމަށްޓަކައި ރިލީޕް ޕެކޭޖްގެ ތެރެއިން ވިޔަފާރިތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ސަރުކާރުން ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ޑިސެންބަރުމަހުގެ ނިޔަލަށް 17147 މީހަކަށް، 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
“ކަރަންޓާއި ބިލުތަކުން 117 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ކަނޑައިލަދިނިން. ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި.” ރައީސް ވިދާޅުވިއެވެ.
ކޯވިޑްގެ ސަބަބުން އާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ހައުސިންގ ލޯންތަކަށް ލުއި ދީ، މަތީ ތަޢުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެކަން ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް 6 މަސް ފަސްކޮށްދިނެވެ.
މި އަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމަށްޓަކައި މިއަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

