ޚަބަރު

ޗަންޕާ ބްރަދާސްއިން ޚަރަދުކޮށްގެން ހޯރަފުށީގައި އައިސްޕްލާންޓެއް ހަދަނީ

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އެއެއްބަސް ވުމެއްގެ ދަށުން ޗަންޕާ ބްރަދާސްއިން ޚަރަދުކޮށްގެން މަސައްކަތް ކުރާގޮތަށް ، ހއ. ހޯރަފުށީގައި 25 ޓަނުގެ އައިސްޕްލާންޓެއް އެޅުމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.

ހޯރަފުށީ އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ މިފްކޯއާއި، ހޯރަފުށީ ކައުންސިލްގެ އިތުރުން ޗަންޕާ ބްރަދާސްއާއިއެކުއެވެ. 4.2 މިލިއަން ރުފިޔާ މި ޕްރޮޖެކްޓަށް ޗަމްޕާ ބްރަދާސްއިން ޚަރަދުކުރާގޮތަށްވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ، މިއީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްއެއްގެ ދަށުން އަޅާ އެންމެ ފުރަތަމަ އައިސްޕްލާންޓްކަމަށާއި މި އައިސްޕްލާންޓަކީ ރަނގަޅުގޮތުގައި ހިންގިއްޖެނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ ވިޔަފާރިއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުންވެސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ޗަންޕާ ބްރަދާސްއިން މި އައިސްޕްލާންޓަށް ފައިނޭންސް ކޮށްދެއްވާތީ ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މަސްވެރިންނަށް އައިސް ލިބުމުގެ ތަނަވަސްކަން %45 އިތުރުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދަވާނެކަމަށެވެ.

“މި ސަރުކާރުގައި އަޅުގަނޑުމެން ވެފައިވާ ވައުދު އެއީ ރާއްޖޭގައި އައިސް ލިބުމުގެ ތަނަވަސްކަން %45 އިތުރުކުރާނެކަމުގެ ވައުދު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ފުއްދާނެ. މިއަދު މި ސޮއެކުރެވުނު އެގްރިމަންޓަކީވެސް ހަމަ އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސިނާއަތައް ވަރަށް މުހިންމު އެއްބަސްވުމެއް މި ކުރެވުނީ. މީގެއިން މި ހާމަވެގެންދަނީ ރައްޔިތުން ވިޔަފާރިވެރިންނާއި ގުޅިގެން މަސައްކަތްކުރެވިއްޖެ ކަމަށްވަންޏާ ކާމިޔާބީ ލިބީނެކަން.” މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯއިން ކައުންސިލްއާއިއެކު އެއްބަސްވެފައިވަނީ ފައިދާ ހިއްސާކުރާގޮތަށް ކަމަށެވެ. އަދި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އައިސްޕްލާންޓް ނިންމާނެކަމުގެ ޔަޤީންކަންދޭކަމަށް އިސްމާއިލް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކައުންސިލާއި އެއްކޮށް އެއްބަސް މިވެވެނީ ޕްރޮފިޓް ޝެއަރކުރާގޮތައް. އަޅުގަނޑުމެން އަދި މި އައިސްޕްލާންޓް އަޅާދީފައި އަދި ހިންގާގޮތައް. ހޯރަފުށީގެ މަސްވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. އިރާދަކުރެއްވިއްޔާ މި މުއްދަތުގެ ތެރޭގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ ޓީމުން މަސައްކަތް ކުރާނަން.” އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސްލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރުވެސް ރާއްޖޭގެ 29 ރަށެއްގައި 54 އައިސްޕްލާންޓް އަންނަނީ ހިންގަމުންނެވެ. މިއަހަރުގެ ތެރޭގައި އިތުރު 13 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close