މަޑުއްވަރީ އޮޕަރޭޝަނުގައި ނަސޭޙަތްދިނުމުންވެސް އެއް ޢާއިލާއަކުން ޤަބޫލެއްނުކުރި – ފުލުހުން
ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި މަޑުއްވަރީ އާއިލާއަކަށް، ފުލުހުންގެ ހާޒިރުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް ނަސޭޙަތް ޤަބޫލުނުކޮށް އެކަންކަމަށް އިންކާރުކުރި ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަސޭޙަތް ޤަބޫލުނުކުރި ޢާއިލާއަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު ވަނީ އިއްޔެ ފުލުހުންގެ އެހީތެރިކަމާއިއެކު އެކުއްޖާގެ މައިންބަފައިންގެ އަތުން ނެގުމަށްފަހު ކުއްޖާގެ ބޮޑުދައިތައާއި ޙަވާލުކޮށްފައި ވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
މިދިޔަ ބުދަ ދުވަހު ރ.މަޑުއްވަރީގައި ފުލުހުން ފެށި އޮޕަރޭޝަން އަދިވެސް ހުއްޓާނުލާ ކުރިއަށްދާ ކަމަށާއި އެރަށުގައި ކުރާ ތަޙްޤީގުގެ މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މަޑުއްވަރީގައި ފުލުހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް 7 ގެއަކާއި 1 ދޯނި ބަލައިފާސްކޮށްފައިވެއެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބަލައި ފާސްކުރުމުގެ އިތުރުން ހަރުކަށި ފިކުރު ފުޅާ ދާއިރާއެއްގައި ފަތުރަމުންދާކަމުގެ ތުހުމަތުގައި 2019 ޑިސެމްބަރ 18 ވަނަ ދުވަހު 3 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
މި ތިން މީހުންނަކީ 30 އަހަރާއި 34 އަހަރާއި އަދި 29 އަހަރުގެ ދިވެހި ފިރިހެނުން ކަމަށާއި މި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އެ ތިން މީހުންނަށްވެސް 10 ދުވަހުގެމުއްދަތު ދީފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، އެމީހުން ދިރިއުޅޭ ތަންތަނުން ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި އަދި ސައްޙަ ނޫންކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން ވިދާޅުވީ، ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއެއްގެ މީހުން 2019 ޑިސެމްބަރ 19 ވަނަ ދުވަހުގައި އެއްބަސްވުމުން އެ އާއިލާގައި ހިމެނޭ 3 ކުޑަކުދިންނަން ވަނީ ވެކްސިން ދީފައި ކަމަށެވެ.
އަދި އިއްޔެ އިތުރު 2 ގެ ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށްވެސް މަޢުލޫމާތުދީފައިވެއެވެ. މީގެ އިތުރުން، މި ތަޙްޤީޤު ފެށިފައިވާތީ، ތަޙްޤީޤުގެ ބޭނުމަށް މީހުން ހާޒިރުކޮށް ސުވާލު ކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާކަމުގައި ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ފުރުޞަތުގައި، ރ.މަޑުއްވަރީގެ ރައްޔިތުންނާއި އެރަށުގެ ކައުންސިލާ އަދި ކައިރި ރަށްރަށުން ފުލުހުންނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ފުލުހުން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.


