އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅަން ރޭ ބޭއްވި ބައްދަލުވުމުން ވަކިގޮތެއް ނުނިމުނު
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚަކާ މެދު ގޮތެއް ނިންމުމަށް ރޭ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުން ބޭއްވި ބައްދަލުމުގައި އެއްވެސް ގޮތެއް ނިމިފައި ނުވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އިންތިޚާބު ބާއްވާނެ ފައިނަލް ޑޭޓް މިއަދު އިޢުލާންކުރާނެކަމަށް އީސީ އިން ކުރިން ބުނެފައިވީނަމަވެސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވިކަމަށް މިހާރު ނޫހުގައި ބުނެފައިވަނީ ހިޔާލު ތަފާތުވުން އުފެދި، އެޕްރީލް މަހުގެ ތެރޭގައި އިންތިޚާބު ބާއްވާނީތޯ ނުވަތަ އެއަށް ވުރެން ލަސް ތާރީޚަކަށް ބަދަލުކުރާނީތޯ ކުރެވުނު މަޝްވަރާތަކަށް ގޮތެއް ނުނިމުނު ކަމަށެވެ. އެހެންވެ މިއަދު އަނެއްކާ ވެސް ކޮމިޝަންގެ ބައްދަލުވުމެއް ބާއްވަން އޮތީ ނިންމައިފަ އެވެ.
“ތާރީޚަކާ މެދު ހިޔާލުތަފާތުވުން ހުރީ، މިއަދު އަނެއްކާވެސް ގޮތެއް ނިންމަން ބައްދަލުވުމެއް ބާއްވާނެ،” ޝަރީފް ވިދާޅުވި ކަމަށް މިހާރުގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި އިންތިޚާބު ބޭއްވުމަށްޓަކައި ދެ ތާރީޚަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އެގޮތުން އޭޕްރީމް މަހުގެ 3 ވަނަ ދުވަހު ނޫނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. މި ތާރީޚުތަކަށް ޤައުމީ ލަފާދޭ ކޮމިޓީން ތާއީދު ކުރާއިރު، ކަންބޮޑުވުންތަކެއްވެސް ވަނީ ފާޅުކޮށްފައެވެ. އެގޮތުން މިތާރީޚުގައި އިންތިޚާބު ބާއްވާއިރު، ޤާނޫނީ ގޮތުން އިންތިޚާބު ބާއްވަން ކެންޕެއިން ކުރުމާއި، އިލެކްޝަން އޮފިޝަލުން ތަމްރީން ކުރުމާއި، އެނޫންވެސް ހުރި ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ.


