ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުން ހޫދާ ޙަވާލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޙަވާލުކުރައްވައިފިއެވެ.
ކުރިން ހޫދު ހުންނެވީ ރައީސްގެ އިސްތަރުޖަމާނުގެ މަޤާމުގައެވެ. މި ބަދަލާއި ގުޅިގެން، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ އިބްރާހީމް ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ރައީސްގެ ތަރުޖަމާނަކަށް ހަމަޖައްސަވާފައިވަނީ މަބްރޫކް ޢަބުދުލް ޢަޒީޒެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަޤާމު ފުރުއްވަމުން ގެންދެވި ޙަސަން އިސްމާޢީލް، އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
ޙަސަން އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ 2021 ޖަނަވަރީ 24 ވަނަ ދުވަހުއެވެ.

