ޚަބަރު

ހޯމް މިނިސްޓަރ ޝައިޚް އިމްރާންގެ ކެމްޕެއިން މިރޭ ފަށަނީ

އަދާލަތު ޕާޓީގެ ރައީސްކަމަށް މިސަރުކާގެ ދެ މިނިސްޓަރުން ކަމުގައިވާ ހޯމް މިނިސްޓަރާއި، އިސްލާމިކް މިނިސްޓަރ ވާދަކުރައްވާ އިންތިޚާބުގެ ކެމްޕެއިންގައި ޑރ.ޒާހިރު އާއި، ދެކޮޅަށް ޝެއިޚް އިމްރާން ފައްޓަވާ ކެމްޕެއިން މިރޭ ފައްޓަވާނެކަމަށް އިމްރާން ވިދާޅުވެއްޖެއެވެ.

ޝެއިހް އިމްރާންގެ ކެމްޕެއިން މެނޭޖަރަކަށް ކަނޑައަޅުވާފައިވަނީ ޝެއިހް މުހައްމަދު ޝިފާންއެވެ. ކެމްޕެއިން މެނޭޖަރު ކަނޑައެޅުއްވިކަން އިއުލާންކުރައްވާ ޝެއިހް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ރައީސްކަމަށް ވާދަކުރާ އިންތިޚާބުގެ ކެމްޕެއިން މިރޭ ލޯންޗުކުރައްވާނެކަމަށެވެ. އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި ޝެއިހް އިމްރާންގެ ރަނިން މޭޓަކީ ގ. އަލިޝާ، އަޙްމަދު ޝަރީފެވެ.

ޝެއިހް އިމްރާނާއި އެކު ރައީސްކަމަށް ވާދަކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ ރަނިން މޭޓެއްގެގޮތުގައި ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދެވެ.

ޢަދާލަތު ޕާޓީގެ އިންތިޚާބު އޮންނަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މިމަހުގެ 27 ވާ ބުދަ ދުވަހުގެ މެންދުރު 2 ގެ ނިޔަލަށް ޢަދާލަތު ޕާޓީގެ މެންބަރެއްގެގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ މެންބަރުންކަމަށް އެ ޕާޓީން ބުނެއެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށްވެސް ޢަދާލަތު ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ.

ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރާއި ގުޅޭ އެއްވެސް ޝަކުވާއެއް ވާނަމަ މިމަހުގެ 27 ގެ ކުރިން vote.adhaalath.org.mv އަށް ހުށައެޅުމަށް އެޕާޓީން އެދެއެވެ.

ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދިނުމުން 3 ވަނަ އަށް ރަޖިސްޓްރީކުރި ޕާޓީއެވެ. ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި މެންބަރުން ތިބި އަދަދަކީ 6436 އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close