ގިލި ލަންކަންފުށި ކައިރީގައި އޮތް ފިނޮޅުން ކޯރުކެނޑި މައްސަލަ ތަޙްޤީޤުކުރަން ފަށައިފި
ކ.ހިންމަފުށްޓާއި، ގިލިލަންކަންފުށި ދެމެދުން އޮތް ކުޑަ ފިނޮޅަކުން ކޯރެއްކަނޑާއި ވެލިގަނޑު ހަލާކުރި މައްސަލަ އާއި ގުޅިގެން އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވައި މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިންމަފުށީ ކައިރީގައި އޮންނަ ވެލިގަނޑެއްގެ މެދުން ކޯރު ކަނޑަމުންދާ މައްސަލައެއް ހިންމަފުށީ ކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން އެމައްސަލަ ބަލާކަން ބައެއްމީޑިއާތަކަށް ވަނީ ކަށަވަރުކޮށްދީފައެވެ.
އެކަމާއި ގުޅިގެން އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވައި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ވެސް އެކަން އަންގައި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެ އެޖެންސީގެ ލަފަޔާއެކު އަޅާފައިވާކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.
މިފަދަ މައަސަލަތަކަކީ ދޭތެރެ ދޭތެރެއިން އެކިއެކި ހިސާބުތަކުން ފެންމަތިވަމުން އަންނަ މައްސަލަ ތަކެއްކަން ފުލުހުން ފާހަގަކުރައްވައެވެ.

