މާފުށީގައި ގަވައިދާ އެއްގޮތަށް ކުނި މެނޭޖު ނުކުރާތީ އެކަން އީޕީއޭގެ ސަމާލުކަމަށް ގެނެސްފި
ކ. މާފުށީގައި ކުނި މެނޭޖް ކުރުމުގެ ކަންކަން ގަވައިދާ ޚިލާފަށް ކުރަމުންދާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ.
ލޯކަލް ޓޫރިޒަމަށް މަޝްހޫރު މާފުށީގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށުގެ ވަކި ސަރަހައްދެއްގައި ދަގަނޑު ފެންސު ޖަހައިގެން އެތަނަށް ކުނި އެޅުމުގެ ސަބަބުން އެތަން ވަރަށް ބޮޑަށް ގޮނޑުވެފަ އޮންނާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ސޯޝަލްމީޑިއާގައި ޚާއްޞަކޮށް ޓްވިޓަރ ގައި އެކަމަށް ފާޑުކިޔައި ގިނަބަޔަކު ދިޔައީ ވާހަކަ ދައްކަމުންނެވެ.
އެކަމާއި ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީއިން އިއްޔެ ބުނި ގޮތުގައި، މާފުށީގެ ބައެއް ފަރާތްތަކުން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލަ ބަލާ އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އީޕީއޭއިން ރަށު ކައުންސިލަށް އިއްޔެ ވާނީ އަންގާފައިކަމަށެވެ.
ރަށަށް އަންނަ ބައެއް ގެސްޓުންވެސް ކުނިތައް ފެނިފައި، އެކަމާ ޝަކުވާކޮށް ފޮޓޯތައްވެސް ނަގާ ހަދާ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.
އެގޮތުން، އެ ރަށު ފަޅުތެރެއަށާއި މޫދުގައި ފެންސް ޖަހައިގެން ކުނި އެޅުން ވަގުތުން ހުއްޓާލުމަށާއި، އެ ސަރަހައްދަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުމަށް ކައުންސިލަށް ވަނީ އަންގާފައެވެ.
އަދި ކުނި މެނޭޖުކުރުމުގެ ގަވާއިދާ އެއްގޮތަށް ރަށުގެ ވޭސްޓް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް އެ އެޖެންސީން ހުއްދަ ހޯދުމަށް ހުށަހެޅުމަށާއި، ރަށުގައި އުފެދޭ ކުންޏާމެދެ މިހާރު އަމަލުކުރަމުންދާ ގޮތުގެ ތަފްސީލު މިއަދުން ފެށިގެން ތިން ދުވަހުގެ ތެރޭގައި އީޕީއޭއަށް އެންގުމަށް އަންގާފައިވެ އެވެ.
ކުނި މެނޭޖްކުރާނެ ސެންޓަރެއް ރަށުގައި ގާއިމުކުރެވެންދެން ރަށުގައި އުފައްދާ ކުނި އަޅާނެ ވަކި ސަރަޙައްދެއް ކައުންސިލުން ކަނޑައަޅައި އެ އެޖެންސީން ހުއްދަ ހޯދުމަށްވެސް އަންގާފައިވެ އެވެ.
އޭގެ އިތުރުން، ރަށުގައި ބަހައްޓާފައިވާ އިންސަނެރޭޓަރުގެ ބޭނުން ހިފުމަށާއި، ރަށުގެ ފަޅުތެރެއަށާއި އަތިރިމަތި ސަރަހައްދަށް ކުނި އަޅަމުންދާ ފަރާތްތައް ހޯދައި އެކަން ހުއްޓުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އަންގާފައިވެ އެވެ. އަދި އެ ކައުންސިލުން އަޅަމުންދާ ފިޔަވަޅުތައް އެ އެޖެންސީއަށް އަންގަމުންދިޔުމަށްވެސް އީޕީއޭއިން އެދިފައިވެ އެވެ.
މާފުށީގެ ކުނި މެނޭޖް ކުރުމުގެ މައްސަލައާ ގުޅޭ ގޮތުން އެ އެޖެންސީ އިން ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ވެސް ސިޓީ ފޮނުވާ އެ އެޖެންސީގެ ޓީމެއް އެ ރަށަށް ދިއުމަށް ނިންމާފައެވެ.
“ސަން”އާ ވާހަކަ ދެއްކި މާފުށީގެ ބައެއް ގެސްޓްހައުސް ވިޔަފާރިވެރިންވެސް ވަނީ ކުނި މެނޭޖް ކުރުމުގެ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ރަށުގެ ރީތި ސިފަ ގެއްލި އެ ކަމުގެ ސަބަބުން ރަށް ޕްރޮމޯޓު ކުރަން ދަތިވާނެތީ އެވެ.

