ދެދުވަހުގެ މުއްދަތަށް ބާއްވާ އަސްކަރީ ތަމްރީންތަކެއް ހުޅުމާލޭގައި ބާއްވަނީ
ގޮވާތަކެއްޗާއެކު ދެދުވަހުގެ މުއްދަތަށް ބާއްވާ ސިފައިންގެ ތަމްރީނުތަކެއް ހުޅުމާލޭ ފޭސް 2 ގައި ބާއްވަން ނިންމަވައިފިއެވެ.
އެމް.އެން.ޑީ.އެފް އިން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 16 އަށް ހުޅުމާލެ ފޭސް 2 ގައި އަސްކަރީ ތަމްރީނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ތަމްރީނުގައި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފް އިން ވިދާޅުވިއެވެ.
މި ފަހުން އެމްއެންޑީއެފް އިން އަންނަނީ އަސްކަރީ ގިނަ ތަމްރީންތަކެއް ކުރިޔަށް ގެންދަމުންނެވެ.
އެގޮތުން ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައިވެސް އެމްއެންޑީއެފް އިން ވަނީ ހަތިޔާރާއެކު ގިނަ އަދަދެއްގެ އަސްކަރީ ތަމްރީންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންގޮސްފައެވެ.
މިފަދަ ތަމްރީންތަކެއް އެމްއްނޑީއެފުން ކުރިއަށް ގެންދާއިރު އެ މުއައްސަސާގެ އެކިސަރަޙައްދުތަކުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ހޯދުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ.


