ކޮޗިން ފެރީން މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލައިފައި
ކޮޗިން ފެރީން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ބުނެފިއެވެ. އެކުންފުނިން ބުނީ މުދާގެންނަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިންއަށް ގުޅާލުމުން ނުވަތަ އީމެއިލް މެދުވެރިކޮށްވެސް އެކަމަށް އެދުމުން މުދާ ގެނައުމުގެ އިންތިޒާމް ހަމަޖައްސާފައި ވާކަމަށެވެ.
އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.
ކާގޯ ފެރީ ކުޅުދުއްފުއްޓަށް ދަނީ ކޮޗިންއިން ޓުޓިކޮރިންއަށް، ޓުޓިކޮރިންއިން މާލެއަށް އަދި މާލެއިން ކުޅުދުއްފުއްޓަށެވެ. ކޮޗިން-ކުޅުދުއްފުށި ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނީ މިފަހަރުގެ ކާގޯ ފެރީގައި 700 ޓަނުގެ މުދާ ގެނެސްފައިވާކަމަށެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އާންމު މުދަލެވެ. މިއީ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އައި 4 ވަނަ ފަހަރެވެ. ކޮންމެ ފަހަރަކުވެސް ކާގޯ ފެރީއިން ކުޅުދުއްފުއްޓަށް ގެންނަ މުދަލުގެ އަދަދު އިތުރުވަމުންއަންނަކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނެއެވެ.
އިންޑިއާގެ ކޮޗިންއާއި ރާއްޖޭގެ އުތުރުން ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ދޭން ނިންމާފައިވަނީ، ސަރަހައްދުގެ ވިޔަފާރިތައް ކުރިއެރުވުމާއި އަދި އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ޤައުމުތަކަށް ޕްރޮމޯޓްކޮށް މަންފާ ހޯދުމަށްވެސް މަގުފަހިކޮށްދިނުމަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ކާގޯ ފެރީ ރާއްޖެ އައުމަށާއި ރާއްޖެއިން އެނބުރި ކޮޗިންއަށް ދިއުމަށް 10 ދުވަސް ހޭދަވާނެކަމަށް ސްޓޭޓް ޝިޕިންއިން ބުނެއެވެ. އެހެންކަމުން މަހަކު ބޭއްވޭނެކަމަށް ލަފާކުރަނީ 3 ދަތުރުކަމަށް އެކުންފުނިން ބުނެއެވެ.



ކޮޗިން ފެރިއަކީ މަސްތުވާ ތަކެއްޗަށް އަނެއްދިވެހިރާއްޖެ ގެންދިއުމަށް ހުޅުވަލަދިން ވަރަށް ފަހި ފުރުޞަތެއްކަމުގައި ވަރަށް ހިތާމައާއިއެކު ދަންނަވަމެވެ. ޝުކުރިއްޔާ ރައިސް ސޯލިހް