ޚަބަރު

ދިރާގާއި ވިމަން އިން ޓެކް ގުޅިގެން ކޯޑިންގ ޕްރޮގްރާމެއް ތިނަދޫގައި ބާއްވަނީ

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް  “ގާލްސް ޓު ކޯޑް” ގެ ދެވަނަ ޕްރޮގްރާމް “ގާލްސް ޓު ކޯޑް- ތިނަދޫ” ގެ ނަމުގައި ވާރޗުއަލްކޮށް ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފިއެވެ.

ގދ. ތިނަދޫއަށް ޚާއްސަކޮށްގެން ބޭއްވޭ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 10 ޖެނުއަރީ 2021 ގައެވެ. މި ޕްރޮގްރާމްގައި ބައިވެރި ވެވޭނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށެވެ. މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށެވެ.

އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ހިންގާނީ މިފަހަރު ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ.  އަދި މިޕްރޮގްރާމްގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެވެ.

އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން މި ޕްރޮގްރާމްގައި ދަސްކޮށްދޭނެއެވެ. އަދި ނަގާދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްޤީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި، “ގަރލްސް ޓު ކޯޑް” ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާއަށް އަންހެން ކުދިން ތަޢާރަފު ކުރުން ވަރަށް މުހިންމެވެ.

ދިރާގު ގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ޚާއްޞަ އަހައްމިޔަތުކަމެއް ދެމުންދާ ދާއިރާއެކެވެ.

2019 ގައި ހިންގުނު ގަރލްސް ޓު ކޯޑުގެ  ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ފުވައްމުލަކުގައެވެ. މިޕްރޮގްރާމްގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ވަނީ ރޭވިފައިވެއެވެ.

ދިރާގައި ވިމެން އިން ޓެކް މޯލްޑިވްސްއިން ވަނީ މި ޕްރޮގްރާމް ރަސްމީކޮށް 16 ޑިސެމްބަރ ގައި އިއުލާން ކޮށްފައެވެ.

https://bit.ly/girlstocodemv ގދ. ތިނަދޫއިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން މި ލިންކަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅުއްވާށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 25 ޑިސެމްބަރ 2020 ގެ ނިޔަލަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close