ޚަބަރު

ކިންގްޑަމް އޮފް އެސްވަތީނީއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކޮށްފި

ކިންގްޑަމް އޮފް އެސްވަތީނީއާ ދިވެހިރާއްޖެއާއި ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކޮށްފިއެވެ.

އދ.އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއާ އެސްވަތީނީއާ ދެމެދުގައި ޑިޕްލޮމްޓިކް ގުޅުން ޤާއިމުކުރުމާބެހޭ ޖޮއިންޓް ކޮމިއުނިކޭޝަންގައި ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ޙުސައިންއެވެ. އެސްވަތީނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެސްވަތީނީން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މަރޓިން މަސޫކޫއެވެ.

ރާއްޖެއާ އެސްވަތީނީއާ ދެމެދު ރަސްމީކޮށް ގުޅުން ޤާއިމުކުރެވިގެންދިޔުމާއެކު ތަފާތު ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް ބައިނަލް އަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެއެވެ.

ރާއްޖެއާއެކު އޮންނަ ގުޅުމަށް އިޙުތިރާމްކުރާ އަދި އެކަމުގެ އަގުވަޒަންކުރާ ޤައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އިސްކަން ދެއްވާކަމެކެވެ.

އެސްވަތީނީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ޢަދަދު ވަނީ 175 އަށް އަރާފައެވެ.

ކިންގްޑަމް އޮފް އެސްވަޓީނީއަކީ އެފްރިކާގެ ދެކުނުގައި، މޮޒަމްބީކްއާއި ދެކުނު އެފްރިކާއާ އިންވެގެން އޮންނަ ޤައުމެކެވެ. އެޤައުމަކީ 1.1 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޤައުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close