ރައީސް ޔާމީންގެ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ އަޑުއެހުން މާދަމާ މެންދުރު 14:00 ގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.
މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.
މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހު 26 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އެމަނިކުފާނުގެ އަރިހުގައި ވަކީލުން ނުތިބޭތީ ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާކުރުމަށްވެސް ހުކުމްކޮށްފައިވެއެވެ. އެ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ ޝަރީޢަތުގެ އަޑުއެހުންތައް އެ ކޯޓުގައި ނިންމާފައިވީ ނަމަވެސް އެކެއް ސެޕްޓެންބަރުގައި ބޭއްވި އަޑުއެހުމަށްފަހު އިތުރު އަޑުއެހުމެއް އެ ކޯޓުގައި ކުރިއަށް ގެންގޮސްފައިނުވެއެވެ. މި މައްސަލަތައް ސާބިތުވެއްޖެނަމަ، ރައީސް ޔާމީނުގެ މައްޗަށް އިތުރު ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

