ޚަބަރު

ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކުގެ އިތުރު އަޑުއެހުމެއް މާދަމާ

އަދި މިފަހަކަށްއައިސް ރާއްޖޭގައި ވެވެނު އެންމެ ބޮޑު އެއް ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ގިނަ ދައުވާތަކެއް އުފުލާފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކުގެ އިތުރު އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުގައި ވާގޮތުން ދައުވާތަކުގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގައެވެ.

މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އެއާއެކު އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށް ދައުލަތުން އެދިފައިވާ ކަމަށް އޮންލައިން ނޫސް “ސަން” ގައި ރިޕޯޓް ކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ޅ. މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޙުކުމް ކޮށްފައެވެ. އަދި އެ ޙުކުމް ޒިޔަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދު ކޮށްފައެވެ. އެއާއެކު ޒިޔަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މި މައްސަލައިގައި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޒިޔަތު ވަނީ އިސްތިއުނާފް އަނބުރާ ގެންދަން ބޭނުންވާ ކަމަށާއި، އިސްތިއުނާފް ޙައްޤު ދޫކޮށްލަން ނިންމީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް ބުނެފައެވެ. އަދި ދައުލަތާއެކު މި މައްސަލައިގައި އެއްބާރުލުންދީގެން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ޒިޔަތު ބުނެފައިވެއެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުންވެސް ވަނީ ޒިޔަތުއާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ޅ. މާބިންހުރާ ޙިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޙުކުމާ ގުޅޭ މައްސަލަ ހިމެނޭ ގޮތަށް އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށްވެސް އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ ތަހުޤީޤަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ބުނެ ޒިޔަތުގެ ފަރާތުން ސިޓީއެއް ހުށައެޅިކަން ޕީޖީ އޮފީހުގެ ވަކީލާ އެ ދުވަހުގެ އަޑުއެހުމުގައި ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، އެނގިފައިވާގޮތުގައި އާދިއްތަ ދުވަހު މި މައްސަލައިގެ ޙުކުމް ކުރުމަށް ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދީބުއަށްވެސް ވަނީ ދައުލަތާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close