ހޯރަފުށްޓަށް ރަސްމީކޮށް ދަތުރުތައް ފަށާނީ 26 ގައި – އައިއޭއެސް
ހއ. ހޯރަފުށީ ޑޮމެސްޓިކް އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ޝެޑިއުލް ދަތުރުތައް ފަށަނީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
ހޯރަފުށީގައި ހުންނަވައި އައިއޭއެސްގެ މީޑިއާ ޑިރެކްޓަރ މޫސާ ވަސީމް ވިދާޅުވީ އެ ރަށުގެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމާއެކު ޝެޑިއުލް ދަތުރުތައް ފަށަން އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާއަކު ތިން ދަތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“މި ރަށުގެ އެއާޕޯޓު ހުޅުވުމާއެކު ޝެޑިއުލް ދަތުރުތައް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. އެގޮތުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރާނެ،” މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޯރަފުއްޓަށް ކުރާ ދަތުރުތަކުގައި ޓިކެޓް ވިއްކާނީ ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދުއަށް ކުރާ ދަތުރުތަކުގައި ނަގާ ރޭންޖްގައި ކަމަށެވެ.
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން، ކުރު މުއްދަތެއްގައި މި ސަރުކާރުން ތަރައްޤީކުރި ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް އިއްޔެ ވަނީ ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.
ހޯރަފުށީ އެއާޕޯޓް ތަރައްޤީ ކޮއްފައިވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީ ވޭގެ އިތުރުން ޓާމިނަލާއި، ފަޔަރ ބިލްޑިންއާއެކުގައެވެ.
ބޮޑުތިލަދުންމަތީގެ ތިންވަނަ އެއާޕޯޓް ހުޅުވުމުގެ މި ކުލަގަދަ ރަަސްމިއްޔާތުގައި ރައީސްޖުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
