އާމްދަނީއެއް ނުލިބޭ ޒުވާން ފިރިހެނުންނަށްވުރެ އަންހެނުންގެ ނިސްބަތް އިތުރު- ތަފާސްހިސާބު
އާމްދަނީއެއް ނުލިބޭ މަސައްކަތްކުރާ ޒުވާނުންގެ ތެރެއިން އަންހެނުންގެ ނިސްބަތް އުޅެނީ ފިރިހެނުންނާ އަޅާ ބަލާއިރު ވަރަށް މަތީގައިކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި ވަޒީފާއާއި ތަޢުލީމާއި ތަމްރީނެއްޙާޞިލްކުރަމުން ނުދާ ޒުވާނުންގެ 41 އިންސައްތަ އަކީ އަންހެނުންނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާމްދަނީ ލިބޭ މަސައްކަތް ތަކާއި ނުލިބޭ މަސައްކަތް ތަކުގައި ޒުވާން އަންހެނުން އުޅޭ ނިސްބަތް ހުރީ އެއްވަރެއްގައެވެ. ނަމަވެސް މިދެބައިވެސް ޒުވާން އަންހެނުންގެ ޢުމުރު މައްޗަށްދާ މިންވަރަށް ބަލާއިރު ވަނީ އިތުރުފެވައެވެ. ނަމަވެސް ޒުވާން ފިރިހެނުންގެ ތެރެއިން އާމްދަނީ ނުލިބޭ މަސައްކަތަކުގައި އުޅޭ ޒުވާނުންގެ ޢަދަދު ޢުމުރާއެކު ކޮންމެވެސް ވަރަށްކަށް މައްޗަށް ގޮސްފައި ވީނަމަވެސް އާމްދަނީ ލިބޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ޒުވާނުންނާ އަޅާބަލާއިރު އެއީ ވަރަށް ދަށް މިންވަރެކެވެ.
ޤައުމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޤައުމީ ތަފާސް ހިސާބާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ތަޢުލީމާއި ވަޒީފާ އެއްވެސް ތަމްރީނެއް ޙާޞިލްކުރަމުންނުދާ ޒުވާނުންގެ ނިސްބަތަކީ 56 އެކެވެ. އޭގެތޭރޭގައި ފިރިހެނުންނާ އަޅާ ބަލާއިރު އަންހެނުންގެ ނިސްބަތް އިތުރެވެ. މިފަދަ އަންހެނުންގެ ނިސްބަތަކީ 41 އިންސައްތައެވެ. ފިރިހެނުންގެ ނިސްބަތަކީ 15 އެވެ. މިއީ މިދިޔަ އަހަރުގެ ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭއިން ދައްކާ ނަތީޖާއެވެ. ކޯވިޑާ ގުޅިގެން މިހާރުގެ ޙާލަތު ބަދަލުވުމަކީ އެކަށީގެންވާ ކަމެވެ.
