ކޮވިޑް ބަލީގައި މިއަދު އިތުރު މީހަކު ނިޔާވެއްޖެ
ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށް ހެނދުނު ހަތެއް ޖަހާކަން ހާއިރު ނިޔާވެފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއީ ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި 36 ވަނަ މީހާއެވެ.
ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވި އިރު، އެ ބަލި ޖެހިގެން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ދުވަހު ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެއްސެކެވެ.
މިހާތަނަށް ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 29 ދިވެހިންނާއި ހަތް ބިދޭސީއެކެވެ. މިދިޔަ މަހު އެކަނިވެސް ރާއްޖެއިން މި ބަލީގައި ހަ މީހަކު ނިޔާވި އިރު، މި މަހުގެ މިހާތަނަށް ބަލި ޖެހިގެން ނިޔާވެފައި ވަނީ އެންމެ ދެ މީހުންނެވެ.
ރާއްޖެ އިން މިހާތަނަށް 11،154 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި މީހުންގެ ތެރޭގައި ހިމެނެނީ 7،138 ދިވެހިންނާއި 4،016 ބިދޭސީންނެވެ. މި ބަލި ޖެހިގެން މިހާތަނަށް ރަނގަޅުވެފައި ވަނީ 9،995 މީހުންނެވެ.
މިދިޔަ އޭޕްރީލް މަހު މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ ފުރަބަންދަކަށް ދިޔައެެވެ. އަދި ކޮވިޑް-19 ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވުމާ ގުޅިގެން ފުރަބަންދަށް ލުއިތަކެއް ދިނެވެ. ފުރަބަންދަށް ލުއިތައް ދިންތާ ކުރީކޮޅު ރާއްޖޭގައި ވަރަށް ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެން ފެށިއެވެ. ހާއްސަކޮށް ދިވެހިންގެ ގައިން ބަލި ފެންނަ މިންވަރު އިތުރުވިއެވެ.
ނަމަވެސް، މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ދަށް ވާން ފަށައިފައެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއި ދޭން ފަށައިފައެވެ. އެގޮތުން މާލޭގައި ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް މާލޭގެ މަގުމަތީގައި އުޅުން ވަނީ މަނާކޮށްފައެވެ. މީގެކުރިން ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް މާލޭގެ މަގުމަތީގައި އުޅުން މަނަލެވެ.
މީގެއިތުރުން މާލެ އާއި، ހުޅުމާލެ އާއި، ވިލިމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް، ރޭގަނޑު 22:30 އާއި ފަތިހު 04:00 ފިޔަވައި އެހެން ވަގުތުތަކުގައި ދެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.


