ޚަބަރު

ޒީނަތްތެރިވުމުގެ ނަމުގައި އައުރަ ކަޝްފުކުރުމަކީ ހުއްދަ ކަމެއް ނޫން: ހުކުރު ޚުތުބާ

ޒީނަތްތެރިވުމުގެ ނަމުގައި ސެލޫންތަކަށް ގޮސް “ވެކްސް” ކުރުމަށް ނުވަތަ “ލޭޒާ ޓްރީޓްމެންޓް” ހެދުމަށް ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީން ކަމަށްވީ ނަމަވެސް، ރީތިކަމާއި ސާފުތާހިރުކަން ހޯދަންވާނީ ޙަރާމް މަގުތަކުން އެއްކިބާވެ، ދީނީ އިންތަކުގެ ތެރެއިންނެވެ.

ޚުތުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ، ހަގީގީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއް ނޫން ކަމަށާއި، ބޭރުފުށުގެ ޒީނަތްތެރިކަމަށްވުރެ އެތެރެފުށުގެ ސާފުކަން މުހިއްމު ކަމަށެވެ. އަދި ބުރުގާ އެޅުމުގެ އަސްލު މަގްސަދަކީ އައުރަ ނިވައިކުރުން ކަމަށްވާއިރު، ކަނދުރާ ފެންނަ ގޮތަށް ބުރުގާ އެޅުމާއި ގަޔަށް ބާރު ހެދުންލުމަކީ ހިޖާބުގެ މަގްސަދު ގެއްލޭ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ. ހަމައެފަދައިން، ކުޅިވަރުގެ މައިދާނުގައި އުޅޭއިރުވެސް އައުރަ ނިވައިކުރުމަށް ފިރިހެނުންނަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، ޓެޓޫ ޖެހުމާއި ބުމަ ހެދުން ފަދަ މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމުގެ ކަންކަމަކީ ޝައިތާނާގެ މަޅިތަކެއް ކަމަށާއި، އެއީ ﷲގެ ލައުނަތް ހުރި ކަންކަން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އަނބިދަރިން މިފަދަ ކަންކަމުން ދުރުހެލިކުރުމަށްޓަކައި، ހަރުކަށިކަމުގެ ބަދަލުގައި ލޯތްބާއި ހިކުމަތްތެރިކަމާއެކު ނަސޭހަތްތެރިވުމަށް އާއިލާތަކުގެ އިސްވެރިންނަށް މިއަދުގެ ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close