ޚަބަރު

ކުވޭތުގެ އައު އަމީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ކުވޭތުގެ އައު އަމީރު ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަހުނިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ކުވޭތުގެ އައު އަމީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެ ޤައުމުގެ ކުރީގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި، އަމީރުގެ ޙިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅުގެ ސަބަބުން، ‏އެ މަނިކުފާނަށް ކުވޭތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައިވާ ޤަދަރާއި އިޙްތިރާމަށް ބަދަލެއް ނައިސް ދެމިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތުގެ އައު އަމީރުގެ ޒަޢާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދާނެކަމާއިމެދު ޝައްކު ނުކުރައްވާކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

އުމުރުފުޅުން 83 އަހަރުގެ ޝައިޚު ނަވާފު އަމީރުކަމުގެ ހުވައި ކުރެއްވީ މިއަދު ބޭއްވި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ކުވައިތުގެ އަމީރުކަމުގެ މަޤާމުގައި ހުންނެވި އޭނާގެ ބޭބޭފުޅު ޝެއިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙު އަވަހާރަވުމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުންވަނީ އައު އަމީރުކަމަށް އޭރު ވަލީ އަޙުދުގެ ގޮތުގައި ހުންނެވި ޝެއިޙު ނަވާފު އައްޔަނުކުރަން ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close