އަހަރެން ލޯތްބަށްޓަކައި ވަރުބަލިވީއެވެ!!
ތިޔަ ލޯބި ކާމިޔާބު ކުރުމަށްޓަކައި އަހަރެން އުފުލަމުން އައި ބުރަޔާ ތަކުލީފުތަކުން މިއަދު އަހަރެން ވަރުބަލިވީއެވެ. ހަދާނެ ގޮތެއް ނެތުނީއެވެ. މަންޒިލް ނުލިބި މިސްރާބު ގެއްލުނީއެވެ. އަދު އަހަރެންގެ ހިތުގައި ތިޔަނޫން އެހެން ސޫރައެއް ކުރެހިފައި ނެތް ނަމަވެސް އަހަރެންގެ ހިތުގައި އުތުރި އަރަމުން އައި ތިޔަ ލޯބިން އަހަރެން ފޭލްވީއެވެ. ދެރަވަމެވެ. ހިތާމަވެސް ކުރަމެވެ.
ހިޝާމް އޭނާކުރަމުން އައި މިއުއްމީދީ ލޯތްބާމެދު ކަންތައް ވެގެން މިދާގޮތް ބަޔާންކޮށް މުޅިދުނިޔެއަށް ކުރާ އިލްތިމާސެއްގެ ސިފައިގައި އޭނާގެ ފޭސްބުކު ޕޭޖުގައި ލިޔަމުން ދެއެވެ.ހަމަ ޙަޤީގަތުގައި ވެސް މިއަދު އަހަރެން މިވަނީ ފޭލް ވެފައެވެ. ވަރުބަލި ވެފައެވެ. މިހެން މިކަން ވާން ޖެހުނު އެއްވެސް ސަބަބެއް އަހަންނަކަށް ނޭނގުނެވެ. ލޯތްބަށްޓަކައި ވަރުބަލިވީއެވެ.
އަހަރެން އައީ ނަޒްރާގެ ލޯތްބަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނެއް ވަމުންނެވެ. ކުރާން ޖެހުނު ކޮންމެކަމެއް ކުރަމުންނެވެ. އެޙައްޤުގައި އަހަރެންގެ މުޅިހިތާ ފުރާނަ ޤުރުބާން ކުރަމުންނެވެ. އެއީ ކުރިޔަށް އޮތްތަނުގައި މިލޯބީން ލިބިދާނެ އުފާވެރިކަމާ މީރުކަމެއްގެ އެދުމުގައެވެ. އެލޯތްބަށްޓަކައެވެ.
ހިޝާމް އިތުރަށް ލިޔަމުން ދިޔައެވެ. ނަޒްރާއެވެ! މިއަޑު އަހާބަލާށެވެ. ދުނިޔޭގެ ހަތަރުބިތުގައި މިދެސޫރަ ކުރެހިފައި ވާކަން ހަމަރަގަޅަށް ކަލެޔަށް އެގޭނޫން ހެއްޔެވެ. އެންމެންގެ ދުލުގެ ކުރީގަޔާ ލޯތަކުގެ ކަޅިރަވައިގައި ވެސް މިދެނަން ވަނީ ކުރެހިފައެވެ. މި ލޯބީގެ ވާހަކަ ނުދައްކާ އިންސާނެއް ވިޔަސް ޖަނަވާރެއް ވިޔަސް މިބިން މަތީގައި ނުވާކަން ހަމަރަގަޅަށް ނަޒްރާއަށް އެގޭނެއެވެ. ކަލެޔަށްޓަކައި ނުވަތަ ތިޔަލޯތްބަށްޓަކައި އަހަރެންގެ އުފާވެރި ދިރިއުޅުމާ ހަނގުރާމަ ކުރަމުން ދާކަންވެސް ހަމަ ރަގަޅަށްވެސް ނަޒްރާއަށް އެގޭނެއެވެ. މިހާހިސާބަށް ދާއިރު މިލޯބި ނުވަތަ މިނަން ތިޔަ ހިތުގައި ކުރެހިފައި ނުވާ ކަމީ އަހަރެން ހައިރާން ވާން ޖެހޭ ކަމެކެވެ.
ހިޝާމްގެ ވާހަކަތަކުގެ އަސްލަކީ އޭނާޔާ ނަޒްރާގެ ޙަޤީޤީ ލޯބީގެ ވާހަކަ ކަމަށްވިޔަސް ހިޝާމްގެ ދުލުން މިފަދަ އެއްވެސް ވާހަކައެއް އަދިމިހާތަނަށް ބުނެފައެއްނުވެއެވެ. ޙަޤީގަތް ހާމަކުރުމުގައި ވެސް ވަގުތެއް އަންނާނޭ ކަމަށްޓަކައި ހިޝާމްގެ ހިތުގެ އުދާސްތައް ހިޝާމްގެ މޭގެ އަޑީގައި ފޮރުވާފައި މިވަނީ ނަޒްރާގެ ހިތުގައި މިލޯތްބަށްޓަކައި ދެވިފައި ވަނީ ކޮންފަދަ އިޙްތިރާމެއްތޯ ބެލުމުގެ އެދުމުގައެވެ. ނަމަވެސް ފަރުދާގެ އަނެއް ފަރާތުގައި ފޮރުވިފައި ވަނީކޮން ކަމެއްކަމާ މާދަމާ އަހަރެމެންނާ ބައްދަލު ކުރާނީ ކަން އެއީ އެއްވެސް މީހަކަށް ކަމެއްނޫން ކަމުން އަހަރެން ވެސް ނަޒްރާއަށް ޓަކައި އިންތިޒާރު ކުރަނީއެވެ.
ހިޝާމް އަދިވެސް ލިޔަމުން ދެއެވެ. ނަޒްރާއެވެ! މިއީދުނިޔެއެވެ. މިދުނިޔޭގައި ތަފާތު ކަންތައްތަކާ ތަފާތު ކުލަތައް ފެންނަމުން ދެއެވެ. މިޙަޤީގަތުގެ ސަބަބުން އެތައް ބަޔަކު ކުރާ އެތައް އުއްމީދުތަކެއް ބިމުގެ ވެއްޔާ މޮޑެވިދާން ޖެހެއެވެ. މިކަމުގެ ސަބަބުން އެމީހުންގެ މުޅިޙަޔާތް ބަރުބާދުވެ އެއްވެސް އަރާމެއް އުފަލެއް ނެތް ހާލަތެއްގައި ދުނިޔޭގެ ދުވަސްތައް ގުނަން ޖެހިފައި އެބަހުއްޓެވެ. ހަމައެފަދައިން މިހަގީގަތުގެ ސަބަބުން އެތައް ބަޔެއްގެ އުއްމީދުތައް އެބައިމީހުންގެ މުޅި ޢުމުރުގެ އުފަލާ ހިތް ހަމަ ޖެހުމަށްވެ އެތަކެއް ޖީލުތަކަކާ ހަމަޔަށް ވާޞިލް ވަމުންވެސް ގޮސްފައި އެބަހުއްޓެވެ. ނަޒްރާއެވެ! މުޅިދުނިޔޭގެ ކުރިމަތީ އަހަރެން މިލޯބީން ވަރުބަލިވެ ގޮތް ހުސްވެފައި ވާކަން ބަޔާން ކުރަމުން މިދަނީ މިއީވެސް މިދުނިޔެ ދެކެފައިވާ ލޯތްބެއްކަމާ މިލޯބި ފޭލްވާން ޖެހުން ގޮތެއް ނޭގޭތީއެވެ.ހަމައެކަނި ނަޒްރާގެ ޖަވާބަކަށް އެދިއެވެ. މިލޯތްބަށް އިންސާފު ލިބެންއެދެއެވެ. ނަޒްރާއެވެ! ތިޔައީ އިންސާނެއް ހެއްޔެވެ. އެހެން ކަމަށް ވާނަމަ ރަޙުމާ އޯގާތެރި ކަމުގެ ޒައްރެއް ވިޔަސް ތިޔަހިތުގައި ވޭހެއްޔެވެ. ހަދާން ކޮށް ބަލާށެވެ. މުޅި މިޢާލަމް ހެކިކޮށް ނަޒް ހިޝާމަށްޓަކައި ވީވަޢުދުތައް އަދު ކޮބައިހެއްޔެވެ. ހަނދާނެއް ނުވޭދޯއެވެ. އެދޮންވެލި ތުނޑިމަތީ ތިއްބާ ދިމާވި ބިރުވެރި ޙާދިސާ މިއަދަކު ހަދާނެއް ނެތް ދޯއެވެ. ވިލާގަޑާއެކު ފެނުޖެހި ނަގޫރޯޅިން ދެމީހުން ވިއްސައިގެން ދިޔަ ބިރުވެރިކަން މިއަދު ހިތެއްގައި ނެތް ދޯއެވެ. އެހެން ކަމުން އިންސާނާގެ ހިތަށް އަންނަމުން ދާބަދަލު ތަކާއެ މިއަދު އެހިތި ވަކިވުމުގެ ރަގަބީލް މިވަނީ ޖެހިފައެވެ.
ހިޝާމް އޭނާގެ މި ލިޔުން ނިންމާލަމުން ވެސްދުނިޔެއަށް މެސެޖެއް ދިނެވެ. އާއެކެވެ! ލޯތްބަށްޓަކައި އަހަރެން ވަރުބަލި ވީއެވެ. ގޮތް ހުސް ވީއެވެ. ނަމަވެސް މިއީ ތަޤްދީރު އަހަންނަށް ކުރަހައިދިން ގޮތެވެ.
-ނިމުނީ-

Vaahakaige Kunis olhumeh nufili.