ރާއްޖެއިން އިތުރު 93 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އިތުރު 93 މީހަކަށް ކޮވިޑް ބަލިޖެހިއްޖެ ކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް 93 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 86 މީހަކާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 4 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 3 މީހެކެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 93 މީހުންގެ ތެރެއިން 67 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާގެ 13 މީހަކާއި، ޔޫ.އޭ.އީގެ އެކަކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8834 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 131 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 6288 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 24 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 31 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.


