ޚަބަރު

މޯލްޑިވިއަންއިން ޓްރިވަންޑްރަމަށް އަލުން ދަތުރުތައް ފަށަނީ

ކޯވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން މޯލްޑިވިއަންއިން ޓްރިވެންޑްރަމަށް ޝެޑިއުލް ދަތުރުތައް މިމަހުގެ 10 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ޓްރިވެންޑްރަމަށް މޯލްޑިވިއަންއިން ދަތުރުތައް ފަށަން ތައްޔާރުވެފައިވާއިރު، މިއީ ބޯޑަރު ހުޅުވާލިފަހުން މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށް ޝެޑިއުލް ދަތުރުތައް ކުރަން ފަށާ ފުރަތަމަ މަންޒިލެވެ.

މޯލްޑިވިއަންއިން އަލުން ޓްރިވެންޑްރަމަށް ދަތުރުތައް ފަށާއިރު ފްލައިޓް އޮޕަރޭޓްކުރާނީ ހަފްތާއަކު 2 ފަހަރެވެ. އެއީ ބުރާސްފަތި އަދި ހޮނިހިރުދުވަހުއެވެ. މޯލްޑިވިއަނުން ބުނީ ޓްރިވެންޑްރަމްގެ ދެކޮޅު ޓިކެޓަށް ނަގަނީ 325 ޑޮލަރު ކަމަށެވެ.

ޓްރިވެންޑްރަމަށް ޝެޑިއުލް ދަތުރުތައް އަލުން ފަށާއިރު، ދަތުރުގެ ހުރިހާ މަރުހަލާއެއްގައި ކަމާބެހެ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް މޯލްޑިވިއަނުން އެދެއެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމްގެ ކަމާބެހޭ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހެދުމާއި، ކަރަންޓީން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކަށް ބޯލެނބުމަށްވެސް މޯލްޑިވިއަންއިން ދަތުރުވެރިންގެ ކިބައިން އިލްރިމާސްކުރެއެވެ. ޓްރިވެންޑްރަމަށް ދަތުރުކުރަން އެދޭ ފަރާތްތަކުން އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް ވިސާ ހޯދުމަށާއި، ފުރުމުގެ 24 ގަޑިއިރު ކުރިން އިމިގްރޭޝަންގެ “އިމުގާ” ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށް މޯލްޑިވިއަނުން އިލްތިމާސްކުރެއެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެެއް އައިސްފައިވާއިރު، ދަތުރުކުރާ ފަރާތްތަކާއި، ކްރޫއިންގެ ރައްކާތެރިކަމަށް ޓެންޕަރޭޗަރ ޗެކްކުރުމާއި، ފްލައިޓްތައް ޑިސްއިންފެކްޓްކުރުމުގެ ކަންތައްތައް މޯލްޑިވިއަންއިން ބަލަހައްޓާނެއެވެ. އަދި ފްލައިޓްގައި ދަތުރުކުރާއިރު ކްރޫ އަދި ފަސިންޖަރުން މާސްކް އަޅަންޖެހޭ ގޮތަށް ވަނީ ލާޒިމްކޮށްފައެވެ.

ކޯވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އިރުވެސް މޯލްޑިވިއަނުން ދިޔައީ ރާއްޖޭން ބޭރުގައި ތާށިވެފައިތިބި ދިވެހިން ޤައުމަށް ގެނައުމަށާއި، ރާއްޖޭގައި ތާށިވެފައިތިބި ބޭރު މީހުން އަނބުރާ ޤައުމަށް ފޮނުވުމަށް ޚާއްސަ ފްލައިޓްތައް އޮޕަރޭޓްކުރަމުންނެވެ. އަދި ރާއްޖެއަށް ޒަރޫރީ މުދާ އުފުލުމަށް ކާގޯ ފްލައިޓްތައްވެސް މޯލްޑިވިއަނުން ދިޔައީ އޮޕަރޭޓްކުރަމުންނެވެ. ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން މޯލްޑިވިއަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތައްވެސް ވަނީ ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close