ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި
މިއަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުން މިމަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި ތަރާވީޙް ނަމާދުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ 1443 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.
ރައީސްގެ ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ މިމަހާ ބައްދަލުވާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވެވި، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް، ދީނީ ގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަގު ތަނަވަސްވެފައިވާތީ ކަމަށެވެ.
އަދި ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ، ފުއްސެވުމާއި ދިންނެވުމުގެ މައްސަރަކަށްވާތީ، އަނެކާއަށް އޯގާތެރިކަން އިސްކުރުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އާލާކުރުމާއި، މަޢާފްކުރުމާއި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު މުޢާމަލާތުކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މަހުގެ ދަރުމަ އާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވާތީ، ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ ހަރުލެއްވުމާއި ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ރައީސްގެ ހިތާބު ނިންމަވާލައްވާފައި ވަނީ މި މާތް މައްސަރުގެ ނިޢުމަތްތަކާއި ދަރުމައާއި ޘަވާބު، މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.
