ޚަބަރު

އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތައް ދެއްކުން 4 މަސްދުވަހަށް ފަސްކޮށްދީފި

އެސްޑީއެފްސީން ވިޔަފާރިކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން 4 މަސްދުވަހަށް ފަސްކުރުމަށް ނިންމައިފިއެވެ.

އެސްޑީއެފްސީން ވިދާޅުވީ، ކޯވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިސާދަށާއި، ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ މޮރެޓޯރިއަމްގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

ލޯނު ދެއްކުން ފަސްކޮށްދެނީ 1 ސެޕްޓެމްބަރ އިން ފެށިގެން 4 މަސްދުވަހަށެވެ. ލޯނުތައް ފަސްކޮށްދިނުމަށްއެދި ކަސްޓަމަރުންނަށް 7 ސެޕްޓެމްބަރއިން ފެށިގެން ހުށަހެޅޭނެކަމަށް އެ ބޭންކުން ބުނެއެވެ. ލޯނު ފަސްކޮށްދޭ މުއްދަތުގައި އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް %4 ކުޑަވާނެކަމަށް އެސްޑީއެފްސީން ބުނެއެވެ.

އެސްޑީއެފްސީން ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއްދެނީ ކޯވިޑް19 އާއި ގުޅިގެން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތެއް ފަހިކޮށްދިނުމަށްކަމަށެވެ.

ލޯނު ފަސްކޮށްދިނުމަށް އެދުމާއިގުޅޭ އެންމެ ފަހުގެ މައުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓްއިން 7 ސެޕްޓެމްބަރއިން ފެށިގެން ލިބެން ހުންނާނެކަމަށް އެ ބޭންކުން ބުނެއެވެ.

އެސްޑީއެފްސީ އަކީ މިސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close