ލަންދޫ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ހައިމާކް ގެނެސްފި
ނ.ލަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ހައިމާކް މިއަދު ލަންދުއަށް ގެނެސްފިކަމަށް ލަންދޫކައުންސިލުން މައުލޫމާތު ދެއްވައިފިއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދަވާ ލަންދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށްދާނެކަމަށް ލަންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ. އެމަސައްކަތަށް ބޭނުންވާ ހައިމާކް މިއަދު އެރަށަށް ގެނެސްފައިވާއިރު އެމަސައްކަތަކީ މިދިޔައަހަރު ނިމުމުގެ ކުރިން ކޮށްދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވެފައިވާ މަސައްކަތެވެ.
ކޮވިޑްގެ ކަންތަކާއި، އަދިވެސް ދިމާވި ބައެއް ގޮންޖެހުންތަކުގެ ސަބަބުން އެމަސައްކަތް ނުފެށިލަސްވެފައިވީނަމަވެސް މިހާރު އެވަނީ އެމަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައެވެ.
ލަންދޫގައި މިހާރު ހަދާފައިވާ ބަނދަރަކީ، ރާއްޖެތެރޭގެ ރަށްރަށަށް ލަފާފުރުމުގެ ދަތިކަން ފިލުވައިދެއްވުމަށް، އޭރުގެ ސަރުކާރުން ހިންގި މަޝްރޫޢުގެ ދަށުން 2008 ވަނަ އަހަރު ހަދާފައިވާ ބަނދަރެކެވެ. ލަންދޫ ބަނދަރުގެ މިހާރުގެ ބޮޑުމިނަކީ 300 ފޫޓު 200 ފޫޓެވެ. މިއީ، ނ.އަތޮޅުގެ އެހެން ރަށްރަށުގައި ހަދާފައިވާ ބަނދަރުތަކާއި އަޅާ ބަލާއިރު، ޖާގައިގެ ގޮތުން އެންމެ ކުޑަ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެކެވެ.
ނަމަވެސް ބަނދަރު ބޮޑުކޮށް ނިމޭއިރު 800 ފޫޓަށް ބަނދަރު ދިގުވެގެން ދާނެކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
އާބާދީގެ ނިޞްބަތުން ލަންދޫ އަކީ އެންމެ ގިނަ އޮޑިދޯނި ފަހަރުވެސް ގެންގުޅޭ އެއްރަށެވެ. އެގޮތުން ލަންދޫއަށް ނިޞްބަތްވާ، ގާތްގަނޑަކަށް ސާޅީހަކަށް އުޅަނދު، މިހާރުވެސް އޮވެއެވެ. އެހެންކަމުން، ބަނދަރުގެ ދަތިތަކާއި ހުރެ، ހުރިހާ އުޅަނދު އެއްފަހަރާ ބަނދަރަކަށް ނުވެއްދެއެވެ. ކަންމިހެން ހުރި އިރު، މިކަމަށް އަވަސް ހައްލެއް ލިބިގެން ދިއުމަކީ އެރަށު ރައްޔިތުން ކުރަމުންގެންދާ އެންމެ ބޮޑު އުންމީދެވެ.
ލަންދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާވެސް ވަނީ މިއަހަރުގެ ބަޖެޓުގައި ހިމަނައިދެއްވާފައެވެ.
