ޚަބަރު

މާލެ ސަރަޙައްދުގެ ފިހާރަތައް ބަންދުކުރާ ގަޑިއަށް ބަދަލު ގެންނަވައިފި

މާލެ ސަރަޙައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ފިހާރަތައް ބަންދުކުރާ ގަޑިއަށް ބަދަލުގެންނަވައިފިއެވެ.

ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ނިންމަވާފައިވަނީ މާލެ ސަރަޙައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ފިހާރަތައް ރޭގަނޑު 9:30ގައި ބަންދުކުރަން ޖެހޭގޮތަށެވެ.

މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން މިސަރަޙައްދުގައި ގެއިން ބޭރަށް ނުކުމެ އުޅެވޭނެ އެންމެ ލަސް ވަގުތަކި ރޭގަނޑު 22:00އާ ހަމައަށް ކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ.

ކޯވިޑް-19ގެ ކޭސްތައް މަދުވެ މާލެ ސަރަޙައްދުގެ ފުރަބަންދަށްފަހު، ދިން ލުއިތަކާއިއެކު ކެފޭ ރެސްޓޯރަންޓްގެ ޚިދުމަތްތައް ދޭން ފަށާފައިވަނީ ޖުލައިމަހުގެ 1ވަނަ ދުވަހުއެވެ. މިތަންތަން ހުޅުވުމުގެ ހުއްދަ ދީފައިވަނީ ކޮންމެ ވިޔަފާރިއަކުންވެސް ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ވަކި ޤަވާޢިދުތަކެއް ކަނޑައެޅުމަށްފަހުއެވެ.

ނަމަވެސް ކޭސްތައް އިތުރުވެ އެޗްއީއޯސީން އަނެއްކާވެސް މިވަނީ ފިޔަވަޅުތަށް ވަރުގަދަކޮށް ހަރުދަނާކޮށްފައެވެ. އެގޮތުން ކުރިން ރޭގަނޑު 11:00އާ ހަމައަށް ޚިދުމަތްތައް ދިނުމުގެ ހުއްދަދިންނަމަވެސް، މިހާރު ގެނައި ބަދަލާއިއެކު ކެފޭ ރެސްޓޯރަންޓްތަކާއި ވިޔަފާރިތަށް ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 9:30ކަމަށް އެޗްއީއޯސީންވަނީ ވިދާޅުވެފައެވެ.

“9:30ގައި ވިޔަފާރީގެ ހުރިހާ ޚިދުމަތްތައްދޭ ތަންތަން ބަންދުކުރަންޖެހޭނެ. 30މިނެޓަކީ މިއީ މަސައްކަތްތައް ނިންމައި ގެއަށް ދިއުމަށްދޭ ވަގުތު. އެނޫންގޮތަށްކަމަށް ޢަމަލުކުރާނަމަ ޖޫރިމަނާކުރާނަން.” ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

އަދި ބޭރަށް ނުކުތުން މަނާ ވަގުތުގައި ޑެލިވަރީގެ ޚިދުމަތްވެސް ނުދެވޭނެކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ފުރަބަންދުގެ ވަގުތަށް ގެނައި ބަދަލުތަކާއެކު މާލޭގެ މަގުތަށް އިތުރަށް މޮނިޓަރކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން ވިޔަފާރިތަށް ހުޅުވާފައިވޭތޯ ބެލުމާއި، ބޭނުންމެއްނެތި މަގުތަކަށް ނުކުންނަ މީހުން ވަގުތުން ޖޫރިމަނާކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ވަޒީފާގެ ގޮތުން ނިކުންނަންޖެހޭ މިހުންނާއި، ސިއްޙީ ދާއިރާގެ މަސައްކަތްތަކުގައި އުޅޭ މީހުންނަށް ވަކި އުސޫލަކުން ނުކުމެ އުޅެވޭނެއެވެ. އަދި ޓެކްސީ ފަދަ ޒަރޫރީ އެހެނިހެން ޚިދުމަތައް ދިނުމުގައި ޢަމަލުކުރާނެ ގޮތެއް ނިންމަމުންދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

“އެޗްއީއޯސީއާއި ސަލާމަތީ ބޭނުންތަކަށް ބޭނުންކުރާ އުޅަނދުތަށް އެކަނި އެގަޑީގައި ދުއްވޭނީ. ޑިއުޓީއަށްދާ މީހުންނަށް އޮފީސް ކާޑާއި، ޔުނިފޯމް ބޭނުންކުރެވޭނެ. އެކަމަކު ކާޑު ބޭނުންކޮށްގެން ބޭކާރުގޮތުގައި އުޅުމުގެ ފުރުސަތެއް ނޯންނާނެ.” ޝަރީފް ވިދާޅުވިއެވެ.

މާލެއަށް ލަފާފުރާ އުޅަދުތަށްވެސް ވަކި ޚާއްސަ އުސޫލަކުން މޮނިޓަރކުރުމުގެ މަސައްކަތް މިރޭ ފަށާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން ސިޓީ ކައުންސިލާ ގުޅިގެން މާލޭ ބަނދަރުގެ އެކި ސަރަޙައްދުތަށް މިފަދަ އުޅަނދުތަކަށް ޚާއްސަކުރާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close