ޚަބަރު

މާސްކު ނާޅާ މަގުމަތީ އުޅޭނަމަ 1000ރ. އިން ޖޫރިމަނާ ކުރާނެ

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ އިރު މާސްކު ނާޅާ އުޅޭނަމަ 1000ރ. އިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް އެކަމަށް މާބޮޑު އަޅާލުމެއްނެތި ބައެއް ފަރާތްތަކުން މަގުމަތީގައި މާސްކުނާޅާ އުޅުމާއި، އަދި މާސްކުއަޅައިގެން ތިބޭމީހުންވެސް މާސްކު ތިރިކޮށްލައިގެން މަގުމަތީގައި ތިބެގެން ސިގިރޭޓު ބުއިމާއި، ގައިދުރުކަމަށްވެސް ސަމާލުކަމެއް ނުދޭތަން ފެންނަމުން ދަނީ މަދެއްކޮށެއްނޫނެވެ.

ހޮނިހިރު ދުވަހުގެ ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މަގުމަތީގައާއި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކޮށްފައިވާތީ، މަގުތަކުގައި ސިނގިރޭޓް ބުއިން ވެސް މަނާވާނެ ކަމަށެވެ. އެގޮތުން، މާސްކް ތިރިކޮށްގެން ވެސް މަގުމަތީގައި ތިބެ ސިނގިރޭޓް ނުބޮވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާސްކު އެޅުން މަޖުބޫރުކުރި ފަހުން، 116 މީހަކަށް ނަސޭހަތްތެރިވެފައި ވާއިރު، މިހާތަނަށް ޖޫރިމަނާ ކުރީ ހަތަރު މީހެކެވެ. މި ހަތަރު މީހުންނަކީ ވެސް މާސްކު އެޅުމަށް ނަސޭހަތްތެރިވުމަށް ފަހު، ޖޫރިމަނާ ކުރި ފަރާތްތަކެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުން، ކުރިއަށް އޮތީ، މި ބަލީގެ ނުރައްކާ އިތުރުވެގެންދާނެ ދުވަސްތަކެކެވެ. ސަރުކާރުން ވިސްނަމުންދަނީ އަލުން ފުރަބަންދު ކުރުމުގެ ބަދަލުގައި، މި ބަލިން ރައްކާތެރިވެވޭނެ ހަރަދުނާ ފިޔަވަޅުތަކެއް އަޅައިގެން އިގްތިޞާދީ ހަރަކާތް ހިންގުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close