ޚަބަރު

ކޮންޓެކްޓުންގެ އަދަދު ބިދޭސީންނާ އަޅާ ބަލާ އިރު ދިވެހިންގެ ގިނަ – ސަމާލުވޭ

ކޮވިޑް-19 ބަލި ޖެހިފައި ތިބޭ މީހުންގެ ކޮންޓެކްޓުންގެ އަދަދު ބިދޭސީންނާ އަޅާ ބަލާ އިރު ދިވެހިންގެ ގިނަވަމުންދާތީ އެކަމަށް ސަމާލުވެ ތިބުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިލްތިމާސްކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވީ ކޮންޓެކްޓުންގެ އަދަދު ބިދޭސީންނާ އަޅާ ބަލާ އިރު ދިވެހިންގެ ގިނަވަމުންދާކަމަށެވެ.

އަފްޒަލް ވިދާޅުވީ ރާއްޖެ އިން މިހާތަނަށް 3،302 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލި އެންމެ ގިނަ އިން ޖެހުނީ ދިވެހިންނަށްކަމަށެވެ. ދިވެހިންގެ ތެރެއިން 1،488 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، ބިދޭސީންގެ ތެރެއިން ބަލި ޖެހިފައި ވަނީ 1،814 މީހުންނަށެވެ.

“މިހާރުގެ ހާލަތަށް ބަލައިފި ނަމަ، އަޅުގަނޑުމެންނަށް ބުނެވޭނެ، މިހާރުގެ ހާލަތުން ދިވެހިން އެބަ ޖެހޭ ތަންކޮޅެއް ބޮޑަށް ސަމާލުވެ އަޅުގަނޑުމެން ދޭ އިރުޝާދުތަކަށް، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް،” އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ރާއްޖޭގައި މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި ހިމެނޭ ދިވެހިންގެ ނިސްބަތް ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވި އިރު، އޮތް ހާލަތާ ހަމައަށް އަރާފައިވާ ކަމަށެވެ. އަދި ލުއިތައް ދިން ފަހުން ބަލީގެ އަލާމާތްތައް ފެންނަ މީހުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބަލިޖެހޭ ދިވެހިންގެ ނިސްބަތް ރިކޯޑް މިންވަރަކަށް އިތުރުވެ މިހާރު ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ. ދިވެހިންގެ މެދުގައި ބަލީގެ ނުރައްކާތެރިކަމާ މެދު ދެކޭ ގޮތް އެހާ ސީރިއަސް ނުވުމުގެ ސަބަބުން ބަލި ޖެހޭ މީހުންގެ ކޮންޓެކްޓްސް ގިނަވެ ކުދި ކްލަސްޓަތައްވެސް އިތުރުވަމުންދާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެ އިން މީގެކުރިން އެންމެ ގިނަ އަދަދަކަށް ބަލި ޖެހިފައި ވަނީ ބަންގްލަދޭޝް މީހުންނަށެވެ. ނަމަވެސް ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު މިވަނީ ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު ބަންގްލަދޭޝް މީހުންނާ އަޅާ ބަލާ އިރު، ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close