ޚަބަރު

ލުއިތަކެއް ދިން ނަމަވެސް މިބަލިން އެއްކޮށް ސަލާމަތެއް ނުވޭ – ޑރ.ނަޒްލާ

ލުއިތަކެއް ދިން ނަމަވެސް މިބަލިން އެއްކޮށް ސަލާމަތްނުވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) ގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19ން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މާސްކް އެޅުން ނަމަވެސް މިހާރު މާސްކް ނާޅާ ބޭރު ތެރޭގައި އުޅޭ މީހުން ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް އިލްތިމާސްކުރެވޭކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މާސްކް އުޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަ ގިނައިން އަތް ސާފުކުރުމާއި އަދި އެއްވެސް ބަލީގެ އަލާމާތެއް ހުރިނަމަ ބޭރަށް ނުނިކުމެ އަވަހަށް ފުލޫ ކްލިނިކަށް ދައްކައިގެން ސާންޕަލް ނެގުން މުހިންމު ކަމަށެވެ.

ނަމަވެސް ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި މާސްކު އެޅުން ކުރިއަށްވުރެ މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މާސްކް ނާޅާ މިހެން އުޅޭ ކަމަށްވާނަމަ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވިއެވެ.

”އެނގިވަޑައިގަންނަވާނެ މިބައްޔަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި އުޅޭހާ ހިނދަކު ހަމަ ކޮންމެ ވަގުތަކު ފެތުރުމުގެ ފުރުސަތު އޮތް ބައްޔެއް. އެހެންވީމަ ޚާއްސަކޮށް ސްކޫލުތައް ހުޅުވިފައި އޮތުމާއި، މާދަމާއިން ފެށިގެން ސަރުކާރުގެ އޮފީސްތައް ފެށުމާއެކު ހަމަ ހުރިހާ ބޭފުޅުން ވެސް ހަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ބޭރަށް ނުކުންނެވުމަކީ ވަރަށް ވަރަށް މުހިންމު ކަމެއް. ކޮންމެ ރެއަކު އަޅުގަނޑުމެން ދައްކާ ވާހަކަ މިއީ ” ޑރ.ނަޒްލާ ރަފީގު ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވާތީ ކޮންމެ މީހަކަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިނަމަ ބަލި ނުޖެހި، ސަލާމާތްވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close