ލުއިތަކުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ހޯމް މިނިސްޓަރ އެދިވަޑައިގެންފި
މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިން ކަމުގައިވިޔަސް ކޮވިޑް-19 ގެ ނުރައްކާ އަދި ބޮޑުތަނުން ލުއިނުވާ ކަމަށާއި، އެ ދިން ލުއިތަކުގެބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.
މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފުރަބަންދަށް ލުއި ދިންކަމުގައި ވިޔަސް، ކޮވިޑް-19 ގެ ނުރައްކާ އަދި ބޮޑުތަނުން ލުއިނުވާ ކަމަށެވެ.
މިނިސްޓަރ ވަނީ ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދަށް ތަބާވެ، ކޮންމެހެން ނިކުންނަން ނުޖެހޭނަމަ ނުނިކުތުމަށާއި ދެވޭ ހުއްދަތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުން ދެ ހަފްތާއަށް ރޭ ވަނީ އިތުރުކޮށްފައެވެ. މިފަހަރު އިތުރުކޮށްފައި ވަނީ ލުއިތަކެއް ދިނުމަށް ފަހުއެވެ.
އެގޮތުން ކޮންމެ ގެއަކުން ފުލުހުންގެ ހުއްދަ އަކާއި އެކު ބޭރަށް ނުކުމެވޭ މީހުންގެ އަދަދުތައް ތިނަކަށް ވަނީ އިތުރުކޮށްފައެވެ. އަދި ކޮންމެ ގެއަކުން ތިން މީހުންނަށް ދެގަޑިއަށް ގެއިން ބޭރަށް ނުކެމެވޭނެ ގޮތް ވަނީ ހަދާފައެވެ. އަދި ބައެއް ވިޔަފާރިތައް ވެސް ހުޅުވާލަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެހީތެރިޔަކާއެކު ހުއްދަ ލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާދެމެދު ތިން ގަޑިއިރަށް ބޭރަށް ނުކުމެ އުޅެވޭނެ ގޮތަށް ބަދަލުތައް ވަނީ ގެނެސްފައެވެ.
ސަރުކާރުން ފުރަބަންދަށް ލުއިތަކަެއް ދިން ނަމަވެސް، މި ދިން ލުއިތަކުގެ ސަބަބުން ބަލި ފެތުރުން އިތުރުވާނަމަ، އަނެއްކާވެސް އެ ފިޔަވަޅުތައް ހަރުކަށިކުރަން ޖެހިދާނެކަމުގެ އިންޒާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ދީފައެވެ.
