ޚަބަރު

މިއަދު އެކަނިވެސް 9 ދިވެހިންނާއި، 6 ބިދޭސީން ޕޮޒިޓިވް

ކޮވިޑް-19 މުޅި މާލެއަށް ފެތުރި ނުރައްކާތެރި ޙާލަތަކަށްގޮސް މިއަދު އެކަނިވެސް ރާއްޖެއިން 15 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. 9 ދިވެހިންނާއި 6 ބިދޭސީންނެވެ. އެހެންކަމުން ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 67 އަށް އިތުރުވެފައެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަމީހުން ޕޮޒިޓިވް ވެފައިވަނީ އިއްޔެއެވެ. އިއްޔެވަނީ 17 މީހުން ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މި ބަލިން 16 މީހަކު ރަނގަޅުވެފައިވާއިރު މިހާރު ފަރުވާދެމުންދަނީ 51 މީހަކަށެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 23 ދިވެހިންނާއި 23 ބިދޭސީންނެވެ. އަދި ހއ. އުލިގަމުން ވަނީ އެކަކު ފެނިފައެވެ.

މިހާރު ރާއްޖޭގެ 9 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. މާރަންދޫ ހދ. ނޮޅިވަރަން، ހއ.ވައިކަރަދޫ، ހިރިމަރަދޫ، ހޯރަފުށި ،ތުރާކުނު ، ތަކަންދޫ، އިހަވަންދޫ އަދި އުލިގަމު ހިމެނެއެވެ. ރާއްޖޭގައި މިހާތަނަށް 67 މީހަކަށް ވަނީ ބަލިޖެހިފައެވެ.

މާލޭގެ އިތުރުން އެހެން ރަށަކުން ބަލި ފެނުމާއި ގުޅިގެން އިތުރު ކަރަންޓީން ފެސިލިޓީސްތައް ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ކަނޑިންމަ ރިސޯޓާއި، އިރުފުށި ރިސޯޓް ކަރަންޓީން ފެސިލިޓީސްއެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި މިހާރު ކަރަންޓީން ފެސިލިޓީސްތަކުގެ ގޮތުގައި 14 ފެސިލިޓީސް ބޭނުންކުރެވޭނެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close