ޚަބަރު

އެމްޑީޕީގެ އެޖެންޑާ 19 އަކީ ދޮގު ހެދުމާއި ކަންކަން އޮޅުވާލުން: ޔާމީން

އެމްޑީޕީގެ އެޖެންޑާ 19 އަކީ ދޮގު ހެދުމާއި ކަންކަން އޮޅުވާލުން ހިމެނޭ ކަމެއް ކަމަށާއި، އެއީ އަބަދުވެސް އެމްޑީޕީގެ އުސޫލު ކަމަށާއި އިންތިޚާބުތަކާ ދިމާކޮށް، ލާ މަރުކަޒީ އުސޫލުން ކައުންސިލްތަކަށް ބާރުދީ، ބަޖެޓުން ވަކި ބައެއް ކައުންސިލްތަކަށް ދޭން ކަމަށް ބުނެ ރައްޔިތުންނަށް ވެފައިވާ ވައުދަކީ ވެސް އޭގެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ “އަންނަނީ އަންނަނީ”ގެ ނަމުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ރޭ ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުންނެވެ.

އޭގެ އިތުރުން ރޭގެ ރެލީގައި ރައީސް ޔާމީންވަނީ އެމްޑީއެންގެ ރިޕޯޓާގުޅިގެންވެސް ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެ ރިޕޯޓާ މެދު އެންމެ ފުރަތަމަ ބަސްފުޅު ވިދާޅުވާން ޖެހޭ ބޭފުޅާ ކަމަށެވެ. އެކަމަކު އެ ރިޕޯޓުގެ ހޫނުކަން ކެނޑުނު ފަހުން “ވަޅޯކޮށް” އެމަނިކުފާނު ބަސްފުޅެއް ވިދާޅުވުމުން އެނގެނީ އެކަން ރައީސަށް އެހާ މުހިންމު ނޫން ކަން ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނަނީ އެއްވެސް ފިޔަވަޅެއް އެޅުމުގެ ގާބިލް ކަމެއް ނެތުމުންނެވެ. އެއްވެސް ފިޔަވަޅެއް މި ސަރުކާރުން އެކަމަށް ނާޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީއެންގައި ކުރިން މަސައްކަތް ކުރުމަށް ފަހު މިހާރު އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ވެސް އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ބައެއް ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓަކީ އެމްޑީޕީން އާންމުކޮށް އަމަލުކުރާ އުސޫލުގެ ތެރެއިން، މިފަދަ ކަންކަމުގައި ރައްޔިތުން އަމަލުކުރާ ގޮތް ބަލާލުމަށް ނެރުނު ރިޕޯޓަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަހަރު ފިޔަވަޅެއް ނާޅައި، ދޫކޮށްލައިފި ނަމަ ދެން ނަގާނީ އެއަށް ވުރެ “ބޮޑު ރާޅެއް” ކަމަށާއި އެހެންވެ، ހުރިހާ ސިޔާސީ ލީޑަރުން ވެސް މިފަހަރު އެކަމާ ދެކޮޅަށް ތެދުވާން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ނުފޫޒު ފޯރުވީ މި ސަރުކާރުންނެވެ. އެގޮތުން އެކި މައްސަލަތަކުގައި ކަމަށް ބުނެ ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެގޮތުން ކުރަމުންދާ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އޭރު ނެރުނު އަމުރަކީ ވެސް މިނިވަން މުއައްސަސާތަކަށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ނުފޫޒު ފޯރުވާ ކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ހުރިހާ ބަންދު ދުވަސްތަކެއް އުނި ކުރުމަށް ފަހު 100 ދުވަސް ހަމަވިއިރު ވެސް ހާސިލް ކުރެވުނު ކަމެއް ނެތް ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ދެ ފަހަރަށް ބަޖެޓް ފާސް ކުރުމަށް ފަހު އަންނަ އަހަރު 40 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރިޔަސް، މިހާރު ސަރުކާރު އޮތް ހާލަތުން ހޯދޭނެ މާ ބޮޑު ކުރިއެރުމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close