ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ މެދު އިތުރު ގޮތެއް މިއަދު ނިންމާނެ – މަބްރޫކް
ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ މެދު އިތުރު ގޮތެއް މިއަދު ސަރުކާރުން ނިންމާނެ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރޭ ދާރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިހާތަނަށް އަދި އެކަމާ ގުޅިގެން އިތުރު އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށާއި މިއަދު އެކަމާމެދު ގޮތެއް ނިންމާ އާންމުންނަށް އަންގާނެ ކަމަށެވެ. އަދި އެ ކަމަކީ މިހާރު މަޝްވަރާ ކުރެވެމުންދާ ކަމެއް ކަމަށްވެސް މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާމެދު މިއަދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރެވެމުން ދާއިރު، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީ އާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ހަފުތާ އެކޭ އެއްގޮތަށް އަންނަ ހަފުތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފައި ވަނީ މިއަދެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް 19 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުން ދަނީ ޕޮޒިޓިވްވި 4 ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެހިންނެވެ.
އިތުރުބަޔަކު މިބައްޔަށް ޕޮޒިޓިވް ވެދާނެކަމުގެ ބިރަށް ގިނަބަޔަކު ރާއްޖޭގައިވެސް ދަނީ ޓެސްޓް ކުރަމުންނެވެ.
