ފާއިތުވި 24 ގަޑިއިރު ތެރޭގައި އިންޑިޔާއިން 500 މީހުން ފައްސިވެ 13 މީހުން މަރުވެއްޖެ
ދުނިޔޭގެ 212 ސަރަޙައްދަކަށް ފެތުރިފައިވައި އިންސާނީ ބޮޑު މުޞީބާތެއްކަމުގައިވާ ކޮވިޑް-19 އަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި އިންޑިޔާގެ އެކިއެކި ސަރަޙައްދުތަކުން ޖުމުލަ 500 އަށްވުރެ ގިނަމީހުން ފައްސިވެ 13 މީހުން އެބަލީގައި މަރުވެއްޖެކަމަށް ރިޕޯޓްތައްބުނެފިއެވެ.
އިންޑިޔާގެ ސިއްޙީ އޮފިޝަލުންނާ ޙަވަލާދީ ރިޕޯޓްތައް ބުނާގޮތުން އެޤައުމުގައި މިހާރު މިހާތަނަށް 4789 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ ދަނީ އިތުރުވަމުންނެވެ. އެގޮތުން އެޤައުމުން މިހާތަނަށް ފަސްހާހަށްގާތްކުރާ ޢަދަދަކަށް މީހުން މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 533 މީހުން ފައްސިވީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 13 މީހަކު ހިމެނޭހެން ކޮވިޑް-19 އަށް ފަރުވާދެމުން ދިޔަ 150 މީހަކު މިހާތަނަށް އިންޑިއާއިން ވަނީ މަރުވެފައެވެ.
އިންޑިޔާގައިވަނީ 21 ދުވަހުގެ މުއްދަތަށް މުޅި ޤައުމު ލޮކްޑައުން ކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި މަގުމަތިން ފެންނަ މީހުންނަށް ސިފައިން ގެންދަނީ ލަޓިބުރި ތަކުން ހަމަލާދީ ގޭތެރެއަށް ވައްދަމުންނެވެ. ސިފައިންގެ އެ ޢަމަލުތަކުގެ ސަބަބުން ބައެއްމީހުންގެ ފުރާނަވެސް ގެއްލިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.


