ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ކާބޯތަކެއްޗަށް ދުނިޔެ ޖެހިދާނެކަމުގެ އިންޒާރު އދ. އިން ދީފި
ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި އެކު ކާބޯތަކެތި ލިބުން ދަތިވެ ދުނިޔެ ބަނޑަށްޖެހިދާނެ ކަމުގެ އިންޒާރު، އދ.ގެ ކާބޯތަކެއްޗައި ބެހޭ ޖަމިއްޔާ އިން ދީފިއެވެ.
އދ.ގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާގެ އިގްތިސާދީ މާހިރެއް ކަމަށްވާ މެކްސިމިއޯ ޓޮރޭރޯ މިކަމާއި ގުޅޭގޮތުން ވިދަޅުވިކަމަށް މީޑިއާ ރިޕޯޓްތައް ބުނަނީ، ދަނޑުވެރިކަން ރަނގަޅުވީކަމުގައި ވީނަމަވެސް ދަނޑުގޮވާންކުރާ މީހުންގެ އަދަދު ވަރަށް މަދުވުމުން އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކޮށްފާނެ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ހަފްތާތަކުގައި ދުނިޔެއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
“ބައެއް ޤައުމުތަކުން ރައްޔިތުން ގެއިން ބޭރަށް ނިކުތުން ވަނީ މަނާކޮށްފައި. މިކަމުގެ ސަބަބުން ދަނޑުވެރިންނާއި އެކަމާއި ގުޅުންހުރި މަސައްކަތް ކުރާ މަސައްކަތްތެރީންނަށް ޤާނޫނީ ގޮތުން އެ މަސައްކަތް ކުރެވޭކަށް ނެތް. މިއީވެސް ކުރިޔަށް އޮތް ތަނުގައި ދުނިޔެ އިން ކާބޯތަކެތި ލިބުމަށް ދަތިވާން މެދުވެރިވެދާނެ ކަމެއް،” ޓޮރޭރޯ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ބައެއް ޤައުމުތަކުން ދަނޑުވެރިކަމާއި ގުޅުންހުރި ދާއިރާތަކަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅައި، ޤައުމުތަކުން ކާބޯތަކެތި ބޭރުކުރާ މިންވަރު ހިފެހެއްޓުމަކީވެސް ފަހަކަށް އައިސް ފާހަގަކުރެވިފައިވާ ކަމެއް ކަމަށާއި، އެކަމުންވެސް ދުނިޔޭގެ ބައެއް ހިސާބުތަކަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ ފުރުސަތު އެކަމުން ބޮޑުވާނެ ކަމަށް ޓޮރޭރޯ ވިދާޅުވިއެވެ.
ވީމާ ޤައުމުތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ޤައުމުތަކުން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި، ކާބޯތަކެތި އުފެއްދުމަށް ކުރާ މަސައްކަތް ނުހުއްޓޭނެފަދަ އުސޫލުތައް އެކުލަވާލުމަކީ މުޙިންމު ކަމެއް ކަމަށް ޓޮރޭރޯ ވިދާޅުވެފައި ވެއެވެ. ޓޮރޭރޯ ވަނީ ދުނިޔެއިން ކާބޯތަކެތި ލިބުން ދަތިވެ އިތުރު ހާސްކަމަކަށް ގޮސްދާނެފަދަ އެފަދަ ފިޔަވަޅުތައް ޤައުމުތަކުން ނޭޅުމަށް އެދިފައެވެ.
ކޮވިޑްގެ ނުރައްކަލަށް ދުނިޔެ ހުށަހެޅި، ހީނުކުރާ މިންވަރަކަށް މި ވައިރަސްގެ ގެއްލުމާއި ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ކާބޯތަކެތި ގަންނަ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާ އިން ކުރިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ގިނަ އަދަދަކަށް ތަކެތި ގަނެ ރައްކާ ކުރުންފަދަ ކަންކަން ކުރުމަކީ އޭގެ ނޭދެވޭ އަސަރު ގިނަ ބަޔަކަށް ކޮށްފާނެ ކަމެއް ކަމަށް އެޖަމިއްޔާއިން ކުރިން ބުނެފައި ވެއެވެ.


