ސްޕަރމެޖޯރިޓީ ހޯދުމުން އިންޑިޔާއިން މަރުޙަބާ ކިޔައިފި
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސްޕަރމެޖޯރިޓީ ހޯދާ ގިނަގޮނޑިތަކެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ހެނދުނު ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ރަސްމީ ސައިޓްގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގުޅުއްވައި އިންޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ފެނިގެން އެ ދިޔައީ ދިވެހި ރައްޔިތުން މިހާރު މި އޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރުކަމަށް ވިދާޅުވިކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ބޮޑުވަޒީރު އެދިވަޑައިގެންނެވިކަމަށެވެ.
މީގެ އިތުރުން ނަރެންދުރަ މޯދީގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ އިންޑިއާ އާއި ވަރަށް ގާތް ޤައުމެއްކަން ފާހަގަކުރައްވައި އެޤައުމުން އަބަދުވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިކަމަށްވެސް ރައީސްއޮފީހުގެ ވެބްސައިޓްގައި ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު ފޯނުން ގުޅުއްވައިލައްވައި، ހެޔޮއެދިވަޑައިގަތުމުގެ ޝުޢޫރުތައް ފާޅުކުރެއްވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެ، ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިކަމާށާއި، އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމުގައި ފާހަގަކުރެއްވިކަމަށްވެސް އެސައިޓްގައިވެއެވެ.


